ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި މީހުންނާއެކު ހެދި އެއްބަސްވުންތައް ދަމަހައްޓަން އެންގުމުގެ އަމުރެއް ނެރެނުދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުން ހެދުމަށްފަހު ފްލެޓްތަކުގެ އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް ނަމަވެސް އެ މީހުންނާ ފްލެޓްތައް ހަވާލު ނުކުރާތީ އޭގެ ތެރެއިން 15 މީހަކު ސިވިލް ކޯޓުގައި ދައުވާކުރީ އެއްބަސްވުން ތަންފީޒު ކުރުވުމަށެވެ.

އެ މައްސަލައިގެ ތެރެއިން ވަގުތީ އަމުރަކަށް އެ މީހުން އެދުނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަން ހުރަސް އެޅޭނެ ކަމެއް ދައުލަތުން ނުކުރުމަށާއި އެ ފްލެޓްތައް އެ މީހުން ފިޔަވައި އިތުރު ބަޔަކާ ހަވާލު ނުކުރަން އަމުރެއް ނެރުމަށެވެ.

ސިވިލް ކޯޓުން ނިންމި ނިންމުމުގައިވަނީ އެއްވެސް ފަރާތަކަށް ކުރިން ދޭން ނިންމާފައިވާ ފްލެޓެއް ނުދިނުމަށް ނުވަތަ މީހަކަށް ދީފައިވާ ފްލެޓެއް އެހެން މީހަކަށް ދިނުން ފަދަ މަސައްކަތެއް މިވަގުތު ކުރިއަށް ނުދާތީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން ލިސްޓެއް އިއުލާންކުރި ނަމަވެސް މި ސަރުކާރުން އެ ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް މިދިޔަ ފެބުރުއަރީ މަހު ނެރުނެވެ.

ނަމަވެސް ފަހުން މި ސަރުކާރުން ވަނީ ކުރީގެ ސަރުކާރުން ނެރުނު ލިސްޓަށް ފްލެޓް ދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރާނެ ކަމަށް ބުނެފައިވެ އެވެ.