އީރާނާއި އިޒްރޭލާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން މަޝްހޫރު ކާޑޭޝަން އާއިލާއަށް ނިސްބަތްވާ މެމްބަރެއް ކަމަށްވާ ކެއިޓްލީން ޖެނާ އިޒްރޭލުގައި ތާށިވެއްޖެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ކެއިޓްލީން އިޒްރޭލުގައި ތާށިވެފައިވަނީ އެ ގައުމުގެ ވެރިރަށް ތެލްއަވީވްގައި އޮތް ޕްރައިޑް ޕެރޭޑެއްގައި ބައިވެރިވާން ގޮސް ހުއްޓައި ހަނގުރާމަ ފެށުމުންނެވެ.
މިސައިލް ހަމަލާތަކުގެ ސަބަބުން އެ އިވެންޓް ކެންސަލް ވެފައިވާއިރު ހަމަލާތަކުން ސަލާމަތްވާން ތައްޔާރު ކޮށްފައިހުރި "ބޮމްބް ޝެލްޓާ"އެއްގައި އޭނާ ރާ ބޯން އިންނަ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ.
އެއާއެކު ކެއިޓްލީން ވަނީ އޭނާ ހުރީ ސަލާމަތުން ކަމަށް ބުނެ އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓުގައި ކުރިއަށްވުރެ ވެސް ބޮޑަށް އޭނާ އިޒްރޭލަށް ތާއީދުކުރާ ކަމަށާއި އިޒްރޭލަށް ކާމިޔާބު ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ދެ ގައުމުގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރެވެމުން އަންނައިރު އެ ދެގައުމާއި އަވަށްޓެރި ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދު ކުރުމުގެ ސަބަބުން ވައިގެ ދަތުރުފަތުރު ވަނީ އެއްކޮށް ހުއްޓިފަ އެވެ.
އެގޮތުން އީރާނާއި އިޒްރޭލު ހިމެނޭހެން އެ ސަރަހައްދުގެ 15 ގައުމަކަށް ގިނަ އެއާލައިންތަކުން ވަނީ އެ އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލާފަ އެވެ.
ހަނގުރާމަ ވަރުގަދަވެ އީރާނުން މިހާރު ވަނީ ރަސްމީކޮށް އެގައުމުގެ ބަދަލު ހިފުމުގެ ރަތް ދިދަ ނަގާފަ އެވެ. އެއީ ހަނގުރާމަ އިއުލާންކުރި ކަމުގެ ނިޝާނެކެވެ.