ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ އަބްދުލްމަޖީދު އަބްދުލް ބާރީ ޝަހީދުކޮށްލީކަން ޔަގީންވެއްޖެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މެއި 18، 2022 ގައި މަޖީދު އަވަހާރަވީ ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އެމަނިކުފާނު އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގެން ފަސް ވަރަކަށް ދުވަހު އައިސީޔޫގައި އޮންނެވުމަށްފަހު އެވެ.

އިމްރާން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ އަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެ ކަމަށެވެ. "އާއެކެވެ، ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީއެވެ." އިމްރާން ލިޔުއްވާފައި ވެއެވެ.

އިމްރާން މިފަދަ ތުހުމަތެއް ކުރެއްވި ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހިއްސާނުކުރައްވަ އެވެ. މަޖީދު އަވަހާރަވިތާ ހަތް އަހަރު ފަހުން އިމްރާން މިހެން ވިދާޅުވި ސަބަބުވެސް ސާފެއް ނުވެ އެވެ.

ޑރ. މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މަޖީދު އަވަހާރަވިއިރު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ. އޭގެކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދެވި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސް ކަންވެސް މަޖީދު ކުރެއްވި އެވެ. އޭގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ.

އޭގެ އިތުރުން ޑރ. މަޖީދަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ވެސްމެ އެވެ.

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީވެސް ވަނީ 2012 ވަނަ އަހަރު ވަރަށް އަނިޔާވެރިކޮށް ޝަހީދުކޮށްލާފަ އެވެ. ޑރ. އަފްރާޝީމް ޝަހީދުކޮށްލި މައްސަލައާ ގުޅޭގޮތުންވެސް އެކިފަހަރު އެކިގޮތަށް ވާހަކަތައް ފަތުރާފައި ވެއެވެ.