ރާއްޖެއަށް ސިނގިރޭޓް އެތެރެކުރި ކަމަށް ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ފަޒީލް އިއުތިރާފުވެއްޖެ އެވެ.

ފަޒީލް އެކަމަށް އިއުތިރާފުވީ އެކަމާ ގުޅޭގޮތުން "އަދަދު" ނޫހުން ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

އެ ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި ފަޒީލް ވިދާޅުވީ ދެ ކާޓޫން ސިނގިރެޓާއި ސިނގިރޭޓް ފޮއްޓެއް ރާއްޖެ ގެނައީ ވަގަށް ކަމެއް ކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

ސިނިރޭޓް ރާއްޖެ އެތެރެކުރެވުނީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާ ތާރީހަކީ ނޮވެމްބަރު 1 ކަން ހަނދާނުން ކައްސާލުމުން ކަމަށެވެ.

އެ މައްސަލާގައި ފަޒީލް ޖޫރިމަނާކޮށްފައި ވަނީ 80،000 ރުފިޔާ އިންނެވެ. ޖޫރިމަނާގެ ފައިސާ ދެއްކި ކަމަށް އޭނާ ވިދާޅެއްނުވެ އެވެ.

ފަޒީލް ވިދާޅުވީ އެކަމުން އެނގެނީ މި ސަރުކާރުން ފިޔަވަޅު އެޅުމުގައި ވަކި މީހަކު ތަފާތުނުކުރާކަން ކަމަށެވެ.

ދާދިފަހުން ވަނީ ޕީއެންސީއަށް ނިސްބަތްވާ މާލޭ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރަކު ވެސް ވަގަށް ސިނގިރޭޓް އެތެރެކުރިކަން ފަޅާއަރައިފަ އެވެ. އެއީ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން އަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމު އެވެ.

މިކަމާ ގުޅިގެން ކަސްޓަމްސް އިން ވަކިއެއްޗެއް ނުބުނެ އެވެ.