ބީޓީއެސްގެ މަގްބޫލު ލަވަކިޔުންތެރިޔާ ޖަންގްކޫކްއަކީ އަބަދުވެސް އޭނާގެ ހިތުގައި ހުންނަ ޝުއޫރުތައް ފާޅު ކުރުމުގައި ފަސްޖެހޭ ފަންނާނެއް ނޫނެވެ. ދާދިފަހުން އޭނާ "ވީވާސް" މެދުވެރިކޮށް ކުރިއަށްގެންދިޔަ ލައިވްސްޓްރީމެއްގައި ވެސް މިކަން ވަނީ ހާމަވެފަ އެވެ.
ސްޕެއިންގެ މެޑްރިޑުގައި ބީޓީއެސްއިން ބޭއްވި ކާމިޔާބު ކޮންސެޓްތަކަށްފަހު، ޖަންގްކޫކް ލައިވްއެއް ފެށީ ފޭނުންނާއެކު ހިތްހަމަޖައްސާލައި، ވަގުތުކޮޅެއް ހޭދަ ކޮށްލުމަށެވެ.
ނަމަވެސް، ލައިވްގެ ކޮމެންޓް ސެކްޝަނުން ފެނުނު ބައެއް ވާހަކަތަކެއްގެ ސަބަބުން އޭނާ ވަނީ ފޭނުންނާއި އޭނާއާ ދެމެދުގައި ހުންނަންޖެހޭ އިމެއް ކަނޑައަޅާފަ އެވެ. އަދި ފަންނާނަކުދެކެ ލޯބިވުމަކީ އެމީހެއްގެ ދިރިއުޅުން ކޮންޓްރޯލް ކުރަން އުޅުން ނޫންކަން ވަރަށް ރީތިކޮށް ހަނދާންކޮށްދީފަ އެވެ.
ލައިވްސްޓްރީމްގެ ތެރެއިން ގިނަ އަދަދެއްގެ ފޭނުން ޖަންގްކޫކް ކައިރީގައި "ދެން ނިދަންދާށޭ" ބުނެ ކޮމެންޓް ކުރަން ފެށުމުން، އޭނާ ނިދުމާ ދެކޮޅަށް ކުރާ ހަނގުރާމައާ ބެހޭގޮތުން ތެދުވެރިކަމާއެކު ވާހަކަދެއްކި އެވެ.
"މާފުކުރޭ، އެކަމަކު އަހަރެން ގާތު ނިދަންދާށޭ ނުބުނޭ. އަހަރެން ނިދާނީ އަހަރެން އަމިއްލައަށް އެގޮތަށް ނިންމީމާ. އެހެން ތި ބުނަނީ އަހަންނާ މެދު ވިސްނާ، ކަންބޮޑުވާތީކަން އަހަރެން ގަބޫލުކުރަން އަދި އެކަމަށް ޝުކުރުވެރިވަން. އެކަމަކު އަހަރެން ނިންޖެއް ނާދޭ. ނިދި ނާންނައިރު އަހަރެން ކުރާނީ ކީއް؟ އަހަރެން ނިދަން ބޭނުންވިޔަސް، އަހަންނަށް ފަސޭހައިން ނިދޭ ގޮތެއް ނުވޭ. އަހަރެން ނިދަން ބޭސްވެސް ބޭނުން ކުރަންޖެހޭ." ޖަންގްކޫކް ބުންޏެވެ.
އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ދަންވަރު ހޭލާ ހުރުމަކީ އޭނާ އަމިއްލަ ހަށިގަނޑަށް ބުރަ ކުރުމުގެ ގޮތުން ކުރާ ކަމެއް ނޫނެވެ. އެއީ އަބަދުވެސް އޭނާގެ އާދަ އެވެ.
"އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން އެންމެންގެ ކަންބޮޑުވުންތަކަށް. އަހަރެން ހަގީގަތުގައިވެސް ވަރަށް ރަނގަޅު. އެހެންވީމާ 'އަވަހަށް ނިދަންދާށޭ' ކަހަލަ ވާހަކަތައް ނުބުނުން އެދެން،" ޖަންގްކޫކް ބުންޏެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާ އެކްސްގައި ބީޓީއެސްގެ ގިނަ ފޭނުން ވަނީ ޖަންގްކޫކްގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. ގިނަ ބަޔަކު ބުނެފައިވަނީ އޭނާއަކީ 30 އަހަރުގެ ބޮޑު ފިރިހެނެއް ކަމަށާއި، އަމިއްލަ ކަންކަން ބަލަހައްޓަން އޭނާއަށް އެނގޭނެ ކަމަށެވެ. އަދި އޭނާއަށް ކުޑަކުއްޖަކަށް މުއާމަލާތްކުރާ ފަދައިން އަމުރު ނުކުރުމަށް ފޭނުން ގޮވާލާފައިވެ އެވެ.
މީގެ އިތުރުން، މި ލައިވްގައި ޖަންގްކޫކް ވަނީ މީގެ ކުރީގެ ލައިވްއެއްގައި އޭނާ މަސްތުގެ ހާލަތުގައި ހުރެ ބައެއް ހުތުރު ބަސްތައް ބޭނުން ކުރެވުނު ކަމަށް ބުނެވޭ ވާހަކައަށްވެސް އަލިއަޅުވާލާފަ އެވެ. އެ
ކަމުގެ ސަބަބުން ހިތްހަމަނުޖެހުނު ފަރާތްތަކުގެ ކިބައިން އޭނާ މާފަށް އެދުނެވެ. ނަމަވެސް އޭނާ ބުނީ އޭނާ ބޭނުންކުރި ބަސްތަކަކީ އެހާ ނުރަނގަޅު ބަސްތަކެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި، ފޭނުންނަށް އޭނާގެ ހިތުގައި އޮންނަ ލޯތްބާއި އިހުލާސްތެރިކަމަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ބީޓީއެސްގެ 'އެރިރަންގް' ވޯލްޑް ޓުއާގެ ކުރިއަށް ހުރި ޝޯތައް ބްރަސަލްސް، ލަންޑަން، މިއުނިކް އަދި ޕެރިހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އޭޝިއާ އަދި އޮސްޓްރޭލިއާގައިވެސް މި ޓުއާގެ ކޮންސެޓްތައް ކުރިއަށްދާނެ އެވެ.
ޕެނަލްޓީ ޖަހައިގެން ޖަރުމަން ކަޓުވާލައިފި
ވައިޑް ބޮޑީ އެއާކްރާފްޓުގައި 67،000 ފަސިންޖަރުން އުފުލައިފި
"އެއާޕޯޓް ނާޅަން ނިންމި ނިންމުން ސަރުކާރުގެ ސިޔާސަތާ ހިލާފު"