ހޮލީވުޑްގެ ތަރި ބްލޭކް ލައިވްލީއާ ދެކޮޅަށް އޭނާއާއެކު މަސައްކަތްކުރި ޖަސްޓިން ބެލްޑޯނީ ހުށައެޅި އިސްތިއުނާފުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އެ މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ ނިއު ޔޯކްގެ ފަނިޔާރެއް ކަމަށްވާ ލުވިސް ޖޭ ލިމަން އެވެ. އެއާއެކު ބްލޭކްގެ ދައުވާއަށް އިތުރު ބާރެއް ލިބުނީ އެވެ.

އެ ދެތަރިން އެކުގައި ފެނިގެންދިޔަ "އިޓް އެންޑްސް ވިތު އަސް"ގެ ސެޓުގައި ޖަސްޓިން ބްލޭކްއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ބްލޭކް ދައުވާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު އެވެ.

އޭގެ ރައްދުގައި މިއަހަރު ފެށިގެން އައިއިރު ޖަސްޓިން އެ ދައުވާ އިސްތިއުނާފު ކުރި އެވެ. އެއާއެކު ބްލޭކްއާއި އޭނާގެ ފިރިމީހާ ރަޔާން ރެނޯލްޑްސްއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރި އެވެ.

އޭގެ ފަހުން ވެސް ޖަސްޓިން ވަނީ އޭނާގެ ކުރީގެ ޕަބްލިސިސްޓްގެ އިތުރުން ނިއުޔޯކް ޓައިމްސްއާ ދެކޮޅަށް ވެސް އިތުރު ދައުވާތަކެއް ކޮށްފަ އެވެ.

މިހާތަނަށް އެ ޝަރީއަތްތަކަށް މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވާއިރު އެ މައްސަލައަކީ މިވަގުތު މީޑިއާތަކުގެ ސަމާލުކަން ހުއްޓިފައިވާ އެންމެ ބޮޑު މައްސަލަ އެވެ.

ބްލޭކްއާ ދެކޮޅަށް ޖަސްޓިން ކުރި އިސްތިއުނާފު ކޯޓުން ބޭރުކޮށްލާފައިވާއިރު އެ ނިންމުން ނިންމީ ކީއްވެގެން ކަމެއް މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ.