އުމުރުން 90 އަހަރުގައި ބޮލީވުޑްގެ ތަރި އާމިރު ޚާންގެ މަންމަ ޒީނަތު ހުސެއިން ބޮލީވުޑްގެ ފިލްމަކުން ފެނިގެންދާނެ ކަމަށް އާމިރު ބުނެފި އެވެ.
އާމިރު ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިތާރޭ ޒަމީން ޕަރް"ގެ ލަވައެއްގެ ތެރެއިން އޭނާގެ މަންމަގެ ފެނިލުމެއް ފެނިގެންދާނެ ކަމަށެވެ.
"އެއް ދުވަހަކު ހަމަ ހުރެފައި މަންމަ ބުނެފި ފިލްމުގެ ޝޫޓިންއަށް ގެންގޮސްދޭށޭ. ފިލްމުގެ ކަންކަން ދާ ގޮތް ބަލާލަން ބޭނުމޭ" އާމިރު ބުންޏެވެ.
އެހެންވެ ޝޫޓިންއަށް މަންމައާއެކު ދިޔައީ ކަމަށާއި ފިލްމުގައި މަންމަ ބައިވެރިކުރަން އެދުނީ ޑައިރެކްޓަރު އާރްއެސް ޕްރަސަންނަ ކަމަށެވެ. އެގޮތުން ފިލްމުގައި ހިމެނޭ ކައިވެނީގެ ލަވައެއްގައި ފެންނަ މެހެމާނުންގެ ތެރޭގައި މަންމަ ހިމެނުމަށް އޭނާ ބުނި ކަމަށް އާމިރު ބުންޏެވެ.
އެކަންވީ އާމިރުއަށް ވަރަށް ހާއްސަ ކަމަކަށް ކަމަށާއި ފިލްމުގައި މަންމަ ހިއްސާވުމަކީ އޭނާއަށް ލިބޭ ޝަރަފެއް ކަމަށް ބަލައި އެކަމަށް އެއްބަސްވީ ކަމަށް ވެސް އާމިރު ބުންޏެވެ.
އާމިރުގެ މަންމަ ޒީނަތުގެ އިތުރުން އޭނާގެ ދައްތަ ނިއްކަތު ޚާންގެ ފެނިލުމެއް ވެސް "ސިތާރޭ ޒަމީން ޕަރް"ގައި ހިމެނޭ ކަމަށް ހަބަރުތައް ބުނެ އެވެ.
އާމިރުގެ އިތުރުން ޖެނީލިއާ ދޭޝްމުކްއާއި ޑޮލާ އަހްލުވާލިއާ މުހިއްމު ރޯލުތަކުން ފެނިގެންދާ އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.