ހޯމަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާބެހޭ އިދާރާ މެޓު އޮފީހުން ލަފާކޮށްފި އެވެ.
މިއަދު މެޓު އޮފީހުން ނެރުނު މޫސުމާއި ބެހޭ ހަބަރުގައި ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، 9 ޖޫން 2025 ވާ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން، އާންމު ގޮތެއްގައި 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށް މެޓުން ބުނެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައި ވެ އެވެ.
ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ވަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ދަތުރުކޮށްފަ އެވެ. އަންނަ ހޯމަ ދުވަހަކީ ބަންދު ނިމޭ ދުވަސްކަން ފާހަގަކޮށްލެ ވެއެވެ.