މިއަހަރުގެ ބޮޑު އީދާ ދިމާކޮށް އަތޮޅުތެރޭގެ ގެސްޓް ހައުސްތަކަށް ދިވެހިންގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ބޮޑު އީދުގެ ބަންދާއި ދިމާކޮށް ގިނަ ބަޔަކު އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ފުރާއިރު، މި ދުވަސްވަރާ ދިމާކޮށް ރަށްރަށުގެ ގެސްޓްހައުސްތައް އަބަދުވެސް ފުރެ އެވެ. ހާއްސަކޮށް މާލެ ކައިރި ރަށްރަށުގެ ގެސްޓްތައް ވަނީ އެއްކޮށް ފުލްވެފަ އެވެ.

"ހުރިހާ" އާ ވާހަކަދައްކަމުން ކ. މާފުށީގައި ހިންގަމުން އަންނަ ސަންރައިޒް ބީޗް އެންޑް ސްޕާ ހޮޓެލުން ބުނީ މިދިޔަ މަހު ޑިމާންޑް ވަރަށް ދަށްވި ނަމަވެސް މިމަހު އީދު ބަންދާއި ދިމާކޮށް ކުރިއަށް އޮތް 4 ވަރަކަށް ދުވަހަށް ހޮޓެލްގެ އެއްކޮށް ފުރިފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް މާފުށީގައި ހިންގާ އިތުރު ގެސްޓް ހައުސްއެއް ކަމަށްވާ މަލަޑީވާ ބީޗް އެންޑް ސްޕާއިން ބުނީ ބެލެވޭ ގޮތުގައި މާފުށީގެ ހުރިހާ ގެސްޓްހައުސްތަކެއް ވެސް އެއްކޮށް ފުރިފައިވާ ކަމަށާއި، އެ ތަން ވެސް މިމަހުގެ 9 ވަނަ ދުވަހާ ހަމައަށް އެއްކޮށް ފުލް ކަމަށެވެ.

މާފުށީ ބަނދަރުމަތީގައި ބަޔަކު މަޑުކޮށްލައިގެން. އީދާ ދިމާކޮށް މާލެ ކައިރި ރަށްރަށުގެ ގެސްޓް ހައުސްތައް ވަނީ ފުލްވެފައި. ފޮޓޯ | ހުރިހާ

މާފުށީގެ އިތުރުން ކ. ތުލުސްދޫގައި ހިންގަމުން އަންނަ ޑްރީމް އިން މޯލްޑިވްސް، ސަން ބީޗް ހޮޓެލް އިން ބުނީ އީދާއި ވަޅުއީދު ދުވަހާ ދިމާކޮށް އެތަން ވެސް އެއްކޮށް ފުރިފައިވާ ކަމަށެވެ.

ކ. ގުރައިދޫ ގެސްޓް ހައުސްއެއް ހިންގާ މީހަކު މީގެ 15 ވަރަކަށް ދުވަސް ކުރިން އެ ތަނުގެ ރޫމްތައް ދިވެހިންނަށް ވިކި ހުސްވެފައިވާ ކަމަށެވެ.

"މިފަހަރު އީދާ ދިމާކޮށް ގެސްޓް ހައުސްތަކަށް ޑިމާންޑް ވަރަށް ބޮޑު. ފެމެލީތައް އެއްކޮށް ވިއްސަކަށް މީހުން ގޮވައިގެން ރަށްރަށަށް އީދު ޗުއްޓީއަށް ދަތުރުކުރަނީ،" އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

އީދާއި ދިމާކޮށް ގެސްޓް ހައުސް ތަކަށް ވެސް ބާރުބޮޑުވެފައިވާއިރު، ޑިމާންޑް ބޮޑުވުމުގެ ސަބަބުން ފްލައިޓްތައް ވެސް ވަނީ އިތުރުކޮށްފަ އެވެ. އެކި ތަންތަނަށް ފުރާ ފަރާތްތަކުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ބާރު ބޮޑުވެ، އަވަހަށް ޗެކިން ވުމަށް ވެސް އެމްއޭސީއެލުން ވަނީ އެދިފަ އެވެ.

މިއާއެކު ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ވެސް ފުރާއިރު، އަވަށްޓެރި ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުން ދާތީ، މި ބަންދު ތެރޭގައި ބޭރަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.