ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން އެންމެ ފަހުން ބަލައިގެންފި އެވެ.
މިދިޔަ މާޗް މަހު ޝަމްއާން ހައްޔަރުކޮށް, ޝަރީއަތް ނިމެންދެން ބަންދުކުރީ ބިދޭސީއަކު ހިފެހެއްޓުމަށްފަހު އޭނާގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި ޝަމްއާން ބަންދުކުރަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރިން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެއީ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޝަރުއީ ނުވަތަ ގާނޫނީ ސަބަބެއް އިސްތިއުނާފީ ނުކުތާތަކުގައި ބުނެދީފައި ނުވުމެވެ.
ނަމަވެސް ރެޖިސްޓްރާގެ އެ ނިންމުން އަލުން ބަލައިދިނުމަށް އެދި ޝަމްއާންގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އެ މަޖިލީހުން ނިންމާފައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޝަމްއާން ހައްޔަރުކުރީ ފްރޭމްކޮށްގެން ކަމަށް އޭނާގެ އަނބިކަނބަލުން ވަނީ ވިދާޅުވެފަ އެވެ. އެއީ ހޯމް މިނިސްޓްރީ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާ ކުރުމުން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެފައިވެ އެވެ.