ދުނިޔޭގެ އެންމެ އަގުބޮޑު ފިލްމަށް އާމްދަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ލިބުނު ނަމަވެސް އެ ފިލްމަކީ "ފްލޮޕް" އަކަށް ވެދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
1990ގެ އަހަރުތަކުގައި ޖޭމްސް ކެމަރޫން އުފެއްދި ފިލްމު "ޓައިޓޭނިކް"ގެ ބަޖެޓާއެކު އެ ފިލްމަށް އެދެވޭ ކާމިޔާބެއް ނުލިބޭނެ ކަމަށް ގިނަ ބަޔަކު ހީކުރި އެވެ.
200 މިލިއަން ޑޮލަރުގެ ބަޖެޓަކާއެކު އުފެއްދި އެ ފިލްމުގެ މާކެޓިންއަށް ވެސް މިލިއަނުން ހަރަދުވިއިރު އެ ފިލްމު ވެފައި އޮތީ ތާރީހުގައި ވެސް އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމަށެވެ. އެހެން ނަމަވެސް ވަރަށް އަވަހަށް ކުރިއަށް އޮތް މާވެލްއާއި އެވެންޖާސްގެ ކްރޮސް އޯވާ ފިލްމު، ދުނިޔޭގެ އެންމެ އަގުބޮޑު ފިލްމުގެ ރެކޯޑު ހޯދާނެ އެވެ.
ބުނެވޭ ގޮތުގައި އެ ފިލްމުގެ ތަރިންގެ މުސާރައަށް އެކަނި ވެސް 250 މިލިއަން ޑޮލަރު ހޭދަވި އެވެ. އެހެނިހެން ހަރަދުތަކާއެކު ފިލްމުގެ ޖުމްލަ ހަރަދު އެއް ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
އެހެން ކަމުން އެ ފިލްމަށް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ލިބުނު ނަމަވެސް އެއީ ކާމިޔާބު ފިލްމަކަށް ނުވާނެ އެވެ. އެއާ ޚިލާފަށް އާއްމު ފިލްމުތަކަށް އެ އާމްދަނީއަކީ "ބްލޮކްބަސްޓާ"ގެ ދަރަޖަ ދެވޭ އާމްދަނީ އެކެވެ.