މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު އަނބުރާ އަމިއްލަ ގެއަށް ދާހިތްނުވާ ސަބަބު ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާން ބުނެދީފި އެވެ.

އަރަބް މީޑިއާ ސަމިޓުގެ ތެރެއިން ދިން އިންޓަވިއުއެއްގައި ސައިފް ބުނީ ބުރަ ދުވަހަކަށް ފަހު ގެއަށް ދާއިރު ދަރިން ނިދާފައި ތިބުމަކީ ދިރިއުޅުމުގައި ކާމިޔާބުވުން ނޫން ކަމަށެވެ.

އޭނާ ބުނީ ގެއަށް ގޮސް ދަރިންނާއެކު ލިބޭ 30 މިނެޓަކީ ވަރަށް ހާއްސަ ވަގުތުކޮޅެއް ކަމަށާއި އެއީ ދިރިއުޅުމުގެ އެންމެ މުހިއްމު ވަގުތުކޮޅު ކަމަށް ވެސް ބުންޏެވެ.

ހަމަ އެގޮތުން މިއީ މައިންބަފައިންނާއެކު ދަރިންނަށް ވެސް އެންމެ ބޮޑަށް އަޅާލުމާއި ލޯބި އުމުރު ކަމަށް ވެސް ސައިފް ބުނެފައިވެ އެވެ.

ސައިފް މި ބީދައިން ވާހަކަ ދައްކާފައި މިވަނީ ބޮލީވުޑްގައި މަސައްކަތާއި އާއިލީ ދިރިއުޅުމުގެ ބެލެންސްގެ ބަހުސެއް ފެށިފައިވާ ދަނޑިވަޅެއްގަ އެވެ. ދީޕިކާ ވަނީ ހަމަ އެ މައްސަލާގައި ސަންދީޕް ވަންގާގެ ފިލްމަކުން ވަކިވެސް ވެފަ އެވެ. އޭނާގެ ބަދަލުގައި މިހާރު އެ ފިލްމުގައި އުޅެނީ ޓްރިޕްތީ ޑިމްރީ އެވެ.