މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހް އައްޔަންކުރައްވައިފި އެވެ.
މިއީ އެމްއޭސީއެލްގެ ޗެއާޕާސަންގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
ޑިސެންބަރު 27، 2023 ގައި އެމްއެމްޕީއާރްސީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގެންނެވި ނޫރައިން އަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވިޔަފާރި އާއި އިންވެސްޓްމަންޓާ ބެހޭ އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުގެ ދޮށީ ދަރިކަނބަލުންނެވެ.
އެމްއެމްޕީއާރްސީގެ ބޯޑު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދި، ނޫރައިން އެ މަގާމުން ވަކިވީ މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރެއްގެ ގޮތުގައި ޖަނާހް ހުންނެވީ ވަޒީރުންގެ ފެންވަރުގައި މުސާރަ ނުހިނގާ ގޮތަށެވެ.
ނޫރައިން ވަނީ ޔުނިވާސިޓީ އޮފް އޯކްލޭންޑުން ބެޗެލާސް ޑިގްރީ ހާސިލް ކުރައްވާ އަދި އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީން އެކައުންޓިންގެ ދާއިރާ އިން މާސްޓާސް ވެސް ހާސިލް ކުރައްވައިފަ އެވެ. އޭނާ އަކީ ޗާޓަޑް އެކައުންޓެއްޓެއް ވެސް މެ އެވެ. އޭނާ އަކީ ޖަނާހުގެ ކުންފުނި ހޮޓެލްސް އެންޑް ރިސޯޓް އިންވަސްޓްމަންޓު ގްރޫޕް (ހަރިމް) ގެ ވައިސް ޗެއާ އެވެ.