ތ. ކަނޑޫދޫ ސްކޫލުގެ ދަރިވަރެއްގެ އިނގިއްޔެއް ހުޅުން ނައްޓާލި ބިދޭސީ ޓީޗަރު ދޫކޮށްލައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ ޓީޗަރު ހައްޔަރުކޮށްފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.
ނަމަވެސް މިއަދު ފުލުހުން ބުނީ އެ ޓީޗަރު ދޫކޮށްލީ ހައްޔަރު ކުރިތާ 24 ގަޑިއިރުވުމުން އިއްޔެ ހެނދުނު ކަމަށާއި، އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭތީ ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ނުގެންދާކަމަށް ފުލުހުން ބުނެ އެވެ.
އެ ކުއްޖާގެ އާއިލާއިން މި ހާދިސާ އާއި ގުޅޭގޮތުން ވަނީ ކުއްޖާގެ އިނގިލީގެ ހުޅު ނައްޓައިލުމަށްފަހު އެ ޓީޗަރު އަމިއްލައަށް އެ ކުއްޖާގެ އިނގިލީގެ ހުޅު އެޅުވުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ކުއްޖާއަށް އަނިޔާކުރި ވާހަކަ ސްކޫލުގެ މެނޭޖުމެންޓަށް ނާންގައި، އަތޮޅު އޮމަދޫއަށް ޓީޗަރު ދިޔަ ކަމަށް ވެސް އާއިލާއިން ވަނީ ތުހުމަތުކޮށްފަ އެވެ.
އާއިލާއިން ބުނި ގޮތުގައި އިނގިލި އަނބުރާލުމުގެ ސަބަބުން އެ ކުއްޖާގެ ހުޅު މަތިން ކަށިގަނޑުގައި ރެނދު ލާފަ އެވެ.