ބޮލީވުޑްގެ ކޮމެޑީ ފިލްމު "ހޭރާ ފޭރީ 3"ގެ މައްސަލަ ބޮޑުވެ ކޯޓަށް މައްސަލަ ހުށައެޅުމުން އެ ފިލްމުން ވަކިވި ޕަރޭޝް ރާވަލް އޭނާއަށް އެ ފިލްމު ކުޅެން ދިން އަގު އިންޓްރެސްޓާއެކު އަނބުރާ ދައްކައިފި އެވެ.

އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި "ހޭރާ ފޭރީ 3"ގެ ޕްރޮޑަކްޝަން ކުންފުނި ފިލްމީ ތަރި އަކްޝޭ ކުމާރުގެ "ކޭޕް އޮފް ގުޑް ފިލްމްސް"އިން ވަނީ ޕަރޭޝްއަށް 11 ކްރޯޑް ރުޕީސް ދީފަ އެވެ.

އެހެން ނަމަވެސް އެއްވެސް ސަބަބަކާ ނުލާ ކުއްލި ގޮތަކަށް ޕަރޭޝް އެ ފިލްމުން ވަކިވުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 25 ކްރޯޑް ރުޕީސް ހޯދަން އަކްޝޭ ވަނީ ކޯޓަށް ހުށައަޅާފަ އެވެ.

އެކަމުގެ ރައްދެއްގެ ގޮތުން ޕަރޭޝް ވަނީ އެ ކުންފުނިން އޭނާއަށް ދިން އަގު 15 ޕަސެންޓް އިންޓްރެސްޓްއާއެކު އަނބުރާ ދައްކާފަ އެވެ. އޭގެ އިތުރުން ކުއްލި ގޮތަކަށް ފިލްމުން ވަކިވުމުން ބަދަލުގެ ގޮތުގައި ވެސް ކޮންމެވެސް ވަރެއް ދެއްކި ކަމަށްވެ އެވެ.

ޕަރޭޝް އޭނާގެ އެކްސް އެކައުންޓް މެދުވެރިކޮށް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ވަކީލުން އަކްޝޭގެ ދައުވާއަށް ރައްދު ދޭން ލިޔެކިޔުންތައް ހުށައަޅާފައިވާނެ ކަމަށާއި އިސާހިތަކު ހުރިހާ ކަމެއް ސާފުވެދާނެ ކަމަށެވެ.

މި ފިލްމުގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އަންނަނީ މިއީ ފިލްމުގެ "ޕްރޮމޯޝަނަލް ސްޓަންޓް"އެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

"ހޭރާ ފޭރީ"ގެ ދެ ފިލްމެއް މިހާތަނަށް ރިލީޒް ކުރެވިފައިވާއިރު އެ ފިލްމުތަކުން ޕަރޭޝްއާއި އަކްޝޭއާއެކު ދެން ފެނިގެން ދިޔައީ ސުނިލް ޝެޓީ އެވެ.