ރާއްޖޭގައި ދުންފަތުގެ ބޭނުންކުރުން މަދުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ދުންފަތުގެ ޓެކްސްއިން ދައުލަތަށް އާމްދަނީ ހޯދުމަށް ސަރުކާރުން ގަސްދު ނުކުރައްވާ ކަމަށް ރައީސް މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ގާނޫނަށް ގެނެވުނު އިސްލާހު ތަންފީޒުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިއަދު ތަސްދީގުކުރެއްވި ގާނޫނު ރާއްޖޭގައި "ޖެނެރޭޝަނަލް ބޭން" އެއް ތަންފީޒުކުރެވޭނެ އެވެ.
"މި ދާއިރާ އިން އާމްދަނީ ހޯދާކަށް ނުވިސްނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ ރާއްޖޭގެ ކުޑަ މުޖުތަމައަކީ ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމައަކަށް ހެދުން ކަމަށެވެ. މުޖުތަމައުގައި ނުރަނގަޅު އެކި އާދަތައް އެބަހުރި ކަމަށާއި އެ އާދަތައް ނައްތާލެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުންފަތަކީ އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ދިމާވާ އެއްޗަކަށްވާއިރު ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރު މުޖުތަމައެއް ބިނާކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރު ވެސް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަކީ ކުރިއަށް އޮތް ޖީލުތައް ދުންފަތުގެ ވަބާއިން ސަލާމަތް ކުރެވިގެންދާނެ ފިޔަވަޅެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ އިތުރު ފިޔަވަޅުތައް އެޅުއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އުމުރާމެދު ޔަގީންނުވާނަމަ އައިޑީކާޑެއް ދައްކަން ދެންނެވުމުގެ ގާނޫނީ ބާރު ވިޔަފާރި ކުރާ ފަރާތްތަކަށް ލިބިގެންވާނެ. ދެން ހަމައެއާއެކު ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ހާއްސަކޮށްފައި ހުންނަ މެޝިނަރީއާއި އާލާތަތްތައް ވެސް މި ޤާނޫނުގެ ތެރެއިން އެތެރެކުރުން މަނާވެގެންދާނެ. މިހާތަނަށް އެހާ ސާފުކޮށް އޮތް ކަމެއް ނޫން މިއީ. އޭގެ ސަބަބުން ކަސްޓަމްސްއަށް އަދި ޕޮލިހަށް ވެސް ދަތިތަކެއް ދިމާވޭ. އުފެއްދުން މަނާ އެހެންވީމަ އެތަކެތި އުފައްދަން ބޭނުންކުރާ ސާމާނު ވެސް އެތެރެވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.
ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން މުޅިން ހުއްޓާލުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދުންފަތުގެ ޓެކްސްއިން ލިބޭ އާމްދަނީ ބޭނުންކުރާނީ އާންމު ރައްޔިތުންގެ ސިއްހަތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
2007 އިން ފެށިގެން އޭގެ ފަހަށް އުފަންވާ ކުދިންނަށް ދުންފަތް މަނާ ކުރާ ބިލު ރައީސް މިއަދު ތަސްދީގުކުރައްވާފައިވާއިރު، މި އިސްލާހާއެކު، ރާއްޖޭގައި 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކަމަށާއި އެ އުމުރުގެ އެއްވެސް މީހަކު ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުން މަނާ ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.