އިދިކޮޅު އެމްޑީޕީން މިދިޔަ ރޯދަ މަހު ބޭއްވި މުޒާހަރާއެއް ލައިވްކޮށް ދެއްކި މައްސަލައިގައި ރާއްޖެ ޓީވީ ޖަވާބުދާރީވުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.
މި މައްސަލައިގައި ރާއްޖެ ޓީވީއަށް ޖަވާބުދާރީވުމަށް އަންގާފައިވަނީ މާޗް 9 ގައި އެމްޑީޕީން ބޭއްވި މުޒާހަރާ ލައިވްކޮށް ދެއްކުމާ ގުޅިގެންނެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި، އެމްޑީޕީގެ މުޒާހަރާގައި އިޖްތިމާއީ މިންގަނޑުތަކާ ހިލާފު ބަސްމަގާއި އިޝާރާތްތައް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އަދި މީހުންގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ ބަސްތަކާއި މަންޒަރު އަދި އަޑު ރާއްޖެ ޓީވީން ބްރޯޑްކާސްޓްކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ކުރެވިފައިވެ އެވެ.
މީގެ އިތުރުން، ކޮމިޝަނުން އިތުރު ދެ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން ދެއްކުނު ވާހަކައަކާއި، މިދިޔަ ޖެނުއަރީ މަހު ރާއްޖެ ޓީވީން ދެއްކި ވަކި ލަވައެއްގެ މައްސަލަ ހިމެނެ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސްއަކީ ސަފާ ޝަފީގް އެވެ. އަދި ކޮމިޝަނުގެ އެހެން މެންބަރުންގެ ތެރޭގައި މުހައްމަދު އަބްދުﷲ (މުހައްމާ ކަލޯ)، އާމިނަތު އަމީނާ، އާމިނަތު ސަރާހަތު އިއްޒަތު، އާމިނަތު ނުޒުހާ، ޝިފްލާ އިބްރާހީމް އަދި މޫސާ ރިލްވާން ހިމެނެ އެވެ.