މިއަދުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން މިއަދު ބުނެފި އެވެ.

މެޓްގެ ފަރާތުން ބުނީ، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު މެންދުރުފަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިއަދު ހަވީރުން ފެށިގެން މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ އިދާރާއިން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ވިލާގަނޑުގައި 40 މޭލުގެ ބާރުމިނުގައި ވައިޖެހުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެ އިދާރާއިން ވަނީ އަންގާފަ އެވެ.

މެޓްއިން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މި ވިއްސާރައިގައި މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ "ކެތި" ނަކަތް ކަމަށްވާތީ، މޫސުން ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާބެހޭ މާހިރުން ފާހަގަކުރެ އެވެ.