ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާގެ ތަޖުރިބާއާ ގާތްކުރާ ވަރުގެ މެންބަރަކު ވެސް ރައްޔިތުންގެ މަޖިލީހުގައި ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމުގައި ރައްޔިތުންގެ މަޖިލީހުން އަމަލުކުރި ގޮތާއި މެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މިގޮތުން ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ މައްސަލައިގައި ފިލްޒާ ދެއްވި ލަފާ ހަރުދަނާ ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ޕީއެންސީގެ މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޒާ އާދަމް ވިދާޅުވިއިރު، އޭގެ ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
ސުޕްރިމް ކޯޓުގައި ދުސްތޫރީ އަދި ހައްސާސީ މައްސަލައެއް ބަލަމުންދަނިކޮށް މީގެ ކުރިން ދުވަހަކު ވެސް ގައުމުގައި ވެރިކަން ކުރި ރައީސަކު، ފަނޑިޔާރުން މަގާމުން ވަކިކޮށްފައިނުވާ ކަމަށާއި، އަޒްމިރާލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރީ "ގަންނާކުރެއްވި ބިރުން" ކަމަށެވެ.
މިއާއެކު ރައީސް ޔާމީން ވަނީ ފިލްޒާގެ ތަޖުރިބާ ހުންނާނެކަން ފާހަގަކޮށް ތައުރީފް ކުރައްވާފަ އެވެ.
"ފިލްޒާއާ ގާތްކުރާވަރުގެ މެންބަރުން ވެސް މަޖިލީހަކު ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު، ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީ އިން ނިންމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ އާ ގުޅިގެން ފިލްޒާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މިގޮތުން ފިލްޒާ ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީއިން އަމަލު ކޮށްފައި ވަނީ ގާނޫނު ގައި ބަޔާންކުރާ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ"ގެ ދައުރެއް ނެތި، އެ އިޖުރާއަތު ފުރިހަމަ ނުކޮށް ކަމަށެވެ.
އެހެންނަމަވެސް މި ލަފާއަށް އަމަލު ނުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަޒްމިރާލްދާ އާއި މަހާޒް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެވެ.