ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމަށް މ. ހާވިލާ، މޫސާ ރިލްވާން މިއަދު އައްޔަނުކޮށްފި އެވެ.
ރައީސް މުހައްމަދު މުއިއްޒު މި މަގާމަށް ރިލްވާން އައްޔަނުކުރެއްވީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނު ގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބުމުންނެވެ.
2016 ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލާސް ހާސިލްކުރި ރިޟްވާން މީޑިއާ އާއި މީޑިއާ ހިންގުމުގައި 2009 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ހަރަކާތްތެރިވެ ވަޑައިގެންފައިވެ އެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫއާއި މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި، ސްޓްރެންތެނިން ލޯ- ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް (އެލްސީއީއައި) މަޝްރޫއުގައި އަމަލީ ދައުރެއް ރިޟުވާން ވަނީ އަދާކުރައްވާފަ އެވެ.