މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ކަމުން އިސްތިއުފާދެއްވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އަށް މުސާރަ ނުދޭކަން ހާމަވެއްޖެ އެވެ.

އޮގަސްޓު 2024 ގައި އެ ދެ މަގާމަށް އައްޔަންކުރި ނޮއެލް އިސްތިއުފާދެއްވީ މާޗު 23، ގަ އެވެ. ސަރުކާރުން މީގެކުރިން ބުނެފައި ވަނީ އޭނާ އިސްތިއުފާދެއްވި ސަބަބެއް ނޭނގޭ ކަމަށެވެ. މިހާތަނަށް އެ ބޭންކުގެ މަސައްކަތް ފެށިފައެއްނުވެ އެވެ.

މުސާރަ އާއި އިނާޔަތްތައް ނުލިބިގެން އެޕްރީލް 7، ގައި ނޮއެލް ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭތީ ތަރުޖަމާނަކު ހޯދިފައިނުވާތީ އެ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.

އެހެންވެ އޭނާއަށް އިސްނާފު ލިބޭނެގޮތެއް ނެތެވެ. ސަރުކާރުން އެދިގެން ވަޒީފާއަށް އައި ބިދޭސީއަކަށް މުސާރަ ނުދީގެން ރާއްޖެއިން އިންސާފު ލިބޭނެ ގޮތެއް ނެތުމަކީ ބޭރު ދުނިޔޭގައި ރާއްޖޭގެ އަގު ވެއްޓޭނެ ފަދަ ކަމެކެވެ.

އޭނާ އިސްތިއުފާދިން ސަބަބު ނޭނގޭ ކަމަށް ބުނުން ފިޔަވައި މިކަމާ ގުޅޭގޮތުން ސަރުކާރުން ވަކިއެއްޗެއް ބުނެފައެއްނުވެއެވެ.

ޑިވެލޮޕްމަންޓް ބޭންކު ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އޮކްޓޯބަރު 13، 2024 ގައި ދޫކުރީ އަހަރެއްގެ ތެރޭގައި ހިދުމަތް ދޭން ފަށަން ޝަރުތުކޮށްފައެވެ.