ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމުތަކަށް މެންބަރުން ހޮވުމަށް ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި އިންތިހާބު އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. ބާ ކައުންސިލުން ބުނިގޮތުގައި، ވޯޓުލުމަށް ރަޖިސްޓަރީވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށެވެ. މިގޮތަށް މުއްދަތު އިތުރުކޮށްފައިވަނީ، ކުރިން ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓަރީ ނުވެވި ތިބި ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުންނެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުންގެ ތެރެއިން ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރީވުމަށް ބާ ކައުންސިލުން އެދިފައިވެ އެވެ. އަދި ކުރިން ބޭއްވުނު އިންތިހާބުތަކުގައި އީ- ވޯޓިން މެދުވެރިކޮށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާނަމަ، އެ ފަރާތްތަކުން ވެސް ފޯމު މެދުވެރިކޮށް މައުލޫމާތު އަޕްޑޭޓްކުރުމަށް އެދިފައިވެ އެވެ.
ބާ ކައުންސިލުން އިތުރަށް ބުނީ، ކުރިން ބޭއްވުނު އިންތިހާބުތަކުގައި އީ-ވޯޓިން މެދުވެރިކޮށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން އަލުން މި އިންތިހާބަށް ރަޖިސްޓަރީވާކަށް ނުޖެހޭނެކަމަށެވެ. މި ފަރާތްތަކުގެ ދަފްތަރު ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށް ވެސް ބާ ކައުންސިލުން ބުނެ އެވެ.