މާލޭގައި ފުރަތަމަ ފަހަރަށް ރީނދޫ ބޯޑު ޖަހައިގެން ޓެސްލާ ކާރެއްގައި ޓެކްސީ ކުރަން ފަށައިފި އެވެ.
މި ކާރަކީ ދިރާގުން މިދިޔަ އަހަރު ހިންގި "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގައި ދިން ޓެސްލާ ކާރެވެ. މި ކާރު ލިބުނު ނަސީބުވެރިޔާ ކާރު 8 ލައްކަ ރުފިޔާއަށް ވިއްކާލުމުން ކާރު ގަތް ފަރާތުން މީގައި ޓެކްސީ ކުރަން ފަށާފައި ވަނީ އިއްޔެ އެވެ.
އެ ކާރުގައި ޓެކްސީކުރާ އަވަސް ރައިޑުގެ ޑްރައިވަރު އަލީ ޒަމީރު ބުނީ ދަތުރުތަކަށް ނަގާނީ ސަރުކާރުން ޓެކްސީ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގު ކަމަށެވެ.
އަވަސް ރައިޑް މެދުވެރިކޮށް އެ ކާރުގައި ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާއިރު ކުރީ ބައިގައި ޓެސްލާ ބޭނުންކޮށްގެން ބުކިންއެއް ހެއްދުމަށް ބޭނުންވާނަމަ އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. މިގޮތަށް ބުކިން ހައްދާނަމަ ނަގާނީ ދެ ފަރާތުން އެއްބަސްވާ އަގެކެވެ. ނަމަވެސް ޓްރާންސްޕޯޓުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑު އަގެއް ޓެކްސީކުރާ އެއްވެސް އުޅަނދަކަށް ނުނެގޭނެ އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ޓެސްލާގެ އެކި މޮޑެލްތަކުގެ ކާރު ޓެކްސީ ކުރަން ބޭނުންކުރެ އެވެ. ނަމަވެސް ރާއްޖޭގައި ޓެސްލާ ކާރު ގެންގުޅޭ އަދަދު ވަރަށް މަދެވެ.
ޓެސްލާ 3 މޮޑެލްގެ ޕެޓްރޯލް އަޅަން ނުޖެހޭ މުޅިން އިލެކްޓްރިކް މި ކާރަކީ އެކްސިޑެންޓުތަކުން ދުރުވުމަށް އޮޓޯއިން ބުރަކި ޖެއްސުމުގެ ޓެކްނޮލޮޖީ ހިމެނޭ ކާރެކެވެ.
ޑްރައިވަރަކާ ނުލައި ވެސް ދުއްވޭ މި ކާރު 15 މިނެޓަށް ޗާޖުކޮށްލައިގެން 175 މޭލު ދުރުމިނަށް ދުއްވޭނެ އެވެ. އަދި ބެޓަރީ ޗާޖުކޮށްގެން 341 މޭލު ދުރަށް ވެސް ދުއްވޭނެ އެވެ.