ފޯނުން ގޭމު ކުޅެމުން ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، ލައިސަންސާއި ސައިކަލު އެއް މަހަށް ހިފަހައްޓައިފި އެވެ.

ފުލުހުން މިއަދު ބުނީ ސައިކަލު ދުއްވަމުން ފޯނު ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހިމެނޭ މީހާ ދުއްވި ސައިކަލު 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އޭނާ 2000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ސައިކަލް ދުއްވި މީހާގެ ލައިސަންސް ވެސް ހިފަހައްޓާފައިވާ ކަމަށް ވެސް ބުނެ އެވެ.

ފުލުހުން ވަނީ މަގު ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއްކަން ހަނދާންކޮށްދީފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯގައި ފެންނަނީ މީހަކު ދާދި ފަހުން ސައިކަލު ދުއްވަމުން، އެއް އަތުން ފޯނު ހިފަހައްޓައިގެން، ފޯނަށް ބަލަމުން ދުއްވާ މަންޒަރެވެ. އަދި އެ ސައިކަލު ދުއްވަމުން ދިޔަ ވަގުތު ސައިކަލުގެ ފަހަތުގައި އިތުރު މީހަކު ވެސް އިންނަ މަންޒަރު ފެނެ އެވެ.

މޯބައިލް ފޯނު ފަދަ އެއްވެސް އިލެކްޓްރޯނިކް ވަސީލަތެއް އަތުން ހިފައިގެން އެއްގަމު އުޅަނދު ދުއްވުމަކީ އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދުގެ ދަށުން މަނާ ކަމެކެވެ. އަދި ހެޑްސެޓު ބޭނުން ކުރުމުގެ އިތުރުން އެހެން މީހެއްގެ އެހީތެރިކަމާއެކުގައި ވެސް ފޯނުން ވާހަކަ ދެއްކުން ވެސް ވަނީ މި ގަވާއިދުގައި މަނާކޮށްފަ އެވެ.