ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް އެލުލަވާލި ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ނާޒިލް ގޮވާލައްވައިފި އެވެ.
މި މައްސަލާގައި މިއަދު މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަަމުން ނާޒިލް ވިދާޅުވީ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ޖޭއެސްސީ އަށް ލިބުނު ސިޓީއަކާ ގުޅިގެން މައްސަލަ ބަލަން ނިންމި ގޮތާމެދު ޖުޑީޝަރީ ކޮމިޓީގައި ސުވާލު އުފެއްދި ކަމަށާއި އެ ސިޓީ ކޮމިޓީ އަށް ނުލިބޭ ކަމަށެވެ.
ޖޭއެސްސީގެ ރިޕޯޓާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާވެސް ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް ޖުޑީޝަރީ ކޮމިޓީން މަހާޒާއި އަޒްމިރާލްދާ ވަކިކުރުމަށް ނިންމާ ރިޕޯޓް އެކުލަވާލާ، މަޖިލީހަށް ފޮނުވީ އެކަމަށް ވެސް ރިއާޔަތް ނުކޮށްކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ އިޖުރާއަތްތައް ފުރިހަމަ ނުވެ އޮތް ރިޕޯޓަކަށް މިއަދު ވޯޓުދީގެން ފަނޑިޔާރުން ބޭރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ފަނޑިޔާރުންނަށް ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށް ބާ ކައުންސިލާއި ރާއްޖޭގެ ގިނަ ގާނޫނީ ވަކީލުންގެ އެދުންތަކަށް އިޖާބަ ދިނުމެއް ނެތި ކޮމިޓީ ގެންދިޔައީ ހުދުމުހުތާރުކޮށް ކަމަށެވެ.
"ހުވައާ އެއްގޮތަށް ކަންތައް ކުރުމުގެ ބާރު، ފުރުސަތު އެބައޮތް މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް. އަނބުރާ އަނެއްކާ ކޮމިޓީއަށް، އަނބުރާ ކޮމިޓީއަށް މި ރިޕޯޓު ފޮނުވާލުން،" ނާޒިލް ވިދާޅުވި އެވެ.
ކޮމިޓީއަށް މި މައްސަލާގެ ރިޕޯޓް އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވަމުން ނާޒިލް ވަނީ ރައްޔިތުންގެ ފަރާތުން އައްޔަނުކޮށްފައިވާ މަންދޫބުންގެ ހައިސިއްޔަތުން ކޮމިޓީއަށް އެ ރިޕޯޓް އަނބުރާ ފޮނުވައިދިނުމަށް މަޖިލީހުގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.