ސަރުކާރުގައި ތިއްބެވި ބާރުގަދަ ވަޒީރުންނާ "ފައިޓު" ދެވޭނެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީގައި ނެތް ކަމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ދިވެހި ބަހާ ބެހޭ މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަންނަނީ ބަލަމުންނެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހުށަހެޅުއްވި އެ މައްސަލައާ ގުޅިގެން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޕީއެންސީއަށް ނިސްބަތްވާ މެންބަރު އަސްލަމް ވިދާޅުވީ ވަޒީރުން ޒިންމާދާރު ކުރެވޭނެ ގޮތެއް މަޖިލީހުގެ މެންބަރުންނަށް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ފާއިތުވި އަހަރުގައި މަޖިލީހުން މަސައްކަތްކޮށްފައިވާ ގޮތަށް ބަލާއިރު، އެ މައްސަލައިގައި އިތުރަށް ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"މި އެންމެން ވެސް ކުރާ ކަންކަން މަޖިލީހަށް އައިސް. މިއީކީ ވަކި މި މިނިސްޓަރުގެ ކަމެއް ނޫން. ދެން ޕީއެންސީގެ ވާހަކަ ދެއްކީމައި، ހަގީގަތަކީ އެއީ. ހަގީގަތަށް ހިނގާ އަޅުގަނޑުމެން ދާން. މިއެއް ނުއެއް ބެލޭނެ. ޕީއެންސީގެ މެޖޯރިޓީ މިތާ އޮތީ. ޕީއެންސީގެ ސަރުކާރެއް. ޕީއެންސީގެ ވަޒީރެއް. ޒިންމާދާރެއް ނުވެސް ކުރޭނެ. މިތާ ތިބެ ކޮންމެ ވާހަކައެެއް ދެއްކިޔަސް، ތަޅުމުގައި އަޅުގަނޑުމެން ވޯޓެއް ނުދޭނަން. އެއީ ވަރަށް ސާފުކަމެއް،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ވަޒީރުންނާ ގުޅޭ މިފަދަ މައްސަލަތައް ބެލުމަކީ "ބޭކާރު މަސައްކަތެއް" ކަމަށެވެ.
"މިތަނަށް ގެންނަން ވެސް ގެނެވިދާނެ. ހަމަ އެކައްޗެކޭ ކިޔާނީ. އެއަކުން އަންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ. އެއް އަހަރު އަޅުގަނޑުމެން ތަޖުރިބާ މިކުރީ މި ލެވެލްގައި. މިއީ ހަގީގަތް. މީގައި ކަމެއް ސާފުކުރިޔަސް، ކަމެއް ރަނގަޅު ކުރިޔަސް އަޅުގަނޑުމެން ފަށަން ޖެހޭ ހިސާބުން ފަށައިގެން ނޫނީ ރަނގަޅެއް ނުވާނެ. އެންމެ ފުރަތަމަ މި މަޖިލިސް، ދެން އެންމެ މައްޗަށް ތިބި މީހުން،" އަސްލަމް ވިދާޅުވި އެވެ.
ދިވެހި ބަހާ ބެހޭ މިނިސްޓްރީއަކީ ބޭކާރު މިނިސްޓްރީއެއް ކަމަށާއި އެއީ ރާއްޖެއަށް ބޭނުންވާ މިނިސްޓްރީއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިއީ ހަގީގަތުގައި ބޭކާރު މިނިސްޓްރީއެއް ދޯ. މި ގައުމަށް ބޭނުންވާ އެއްޗެއް ވެސް ނޫން. ދެން މި ކޮމިޓީއަކު ނެތް ހަގީގަތުގައި މިހާރު މިތިބީ ބާރުގަދަ ވަޒީރުންނާއި ކަމެއް ނިންމާލަން ފައިޓު ދެވޭނެ މެންބަރުންނެއް. އެއަށްވުރެ މާ ކުދި މެންބަރުން މި ތިބީ. ސައިޒު ކުދި ވާހަކަ. އަޅުގަނޑުމެން ވަރަށް ބޮޑެތި، މިއިން ޝާކިރު ވެސް. އެގޮތަކަށް ނޫން މި ދެންނެވީ،" އަސްލަމް ވިދާޅުވި އެވެ.
ކޮމިޓީން މިއަދު ނިންމީ އެ މައްސަލައަށް ބޭނުންވާ މައުލޫމާތު ހޯދަން ދިވެހި ބަހުގެ މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށެވެ.