އެމެރިކާއިން އީރާނުގެ ސަރަހައްދުތަކަށް އިތުރު ހަމަލާއެއް ދީފިނަމަ، ގަލްފު ސަރަހައްދުގެ ގައުމުތަކުގައި ހުރި ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން އަނެއްކާވެސް ދީފި އެވެ. އީރާނުން މި އިންޒާރު ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ހަކަތައާ ބެހޭ އޮނިގަނޑަށާއި ވަސީލަތްތަކަށް ހަމަލާދޭނެކަމަށް ބުނެ ދެއްވި އިންޒާރުތަކާ ގުޅިގެން، ހާރިޖީ ދާއިރާގެ މަތީ ފަންތީގެ މަޝްވަރާތަކެއްގެ ތެރޭގަ އެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ސައުދީ އަރަބިއާ، ތުރުކީ، ގަތަރު އަދި ޕާކިސްތާނުގެ އަސްކަރީ ވެރިންނާ ފޯނުން ގުޅުއްވައި، އެމެރިކާއިން ދީފާނެ ހަމަލާއެއް ހުއްޓުވުމަށް އެ ގައުމުތަކުގެ ނުފޫޒު ބޭނުންކުރުމަށް އެދިވަޑައިގެންފަ އެވެ. އީރާނުން ބުނެފައިވާ ގޮތުގައި، އެމެރިކާއިން އެ ގައުމުގެ ވަސީލަތްތަކަށް ހަމަލާދީފިނަމަ، ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން، ތެޔޮ ސާފުކުރާ ކާރުހާނާތަކަށާއި، ކަރަންޓާއި ފެނުގެ ނިޒާމުތަކުގެ އިތުރުން ދަތުރުފަތުރުގެ ނެޓްވޯކްތަކަށްވެސް ހަމަލާދޭނެއެވެ. މިއީ ސަރަހައްދީ ހަނގުރާމައެއްގެ ނުރައްކާ ބޮޑުކޮށް، އެމެރިކާއަށް ސައޫދީ އާއި ގަލްފުގެ ގައުމުތަކުން ކުރާ ފިއްތުންތައް އިތުރުކުރުމަށް އީރާނުން ގެންގުޅޭ އުކުޅެއް ކަމަށް ބެލެވެއެވެ.
މި ނުވަތަނަވަސްކަމާ ގުޅިގެން ސައޫދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ ރައީސް ޓްރަމްޕާ ފޯނުން ގުޅުއްވައި، އަސްކަރީ ފިޔަވަޅުތައް ފަސްކޮށް ސުލްހަވެރި ހައްލެއް ހޯދުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް، ސައޫދީންވެސް ވަނީ އެ ގައުމުގެ ސަރަހައްދަށް އެއްވެސް ހަމަލާއެއް އަތުވެއްޖެނަމަ އަސްކަރީގޮތުން ރައްދު ދޭނެކަން ހާމަކޮށްފަ އެވެ. ރައީސް ޓްރަމްޕް ދާދިފަހުން ވިދާޅުވެފައިވަނީ އީރާނަށް ހަމަލާދިނުން ވަގުތީގޮތުން ފަސްކޮށްފައިވާ ކަމަށާއި، ނަމަވެސް އެއީ އަވަސް އެއްބަސްވުމަކަށް އާދެވިއްޖެނަމަ ކަމަށެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަސް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާއި ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށާއި ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ. އީރާނުންވެސް ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިޒްރޭލުގެ އަމާޒުފަތްތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ސިލްސިލާ ހަމަލާތަކެއް ދީފަ އެވެ.
މި ނުވަތަނަވަސްކަމުގެ ސަބަބުން އެންމެ ބޮޑު ބިރެއް އޮތީ ދުނިޔޭގެ އިގްތިސާދަށެވެ. ހާއްސަކޮށް 2019 ވަނަ އަހަރު ސައޫދީގެ އަރާމްކޯއަށް ދިން ހަމަލާ ފަދަ ހަމަލާއެއް ތެޔޮ ވަސީލަތްތަކަށް އަތުވެއްޖެނަމަ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ. މިކަމުގެ ސަބަބުން ސަރަހައްދީ ގައުމުތަކުން ދަނީ އެމެރިކާއާއި އީރާނާ ދެމެދު މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދުމަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންނެވެ.
ސަރުކާރުން ބޭނުންވާ ބިމެއް ކައުންސިލްގެ އަތުން ނެގޭގޮތް ހަދަނީ
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތަށް އާދެވިއްޖެ: އެމެރިކާ