ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް އުފެއްދި "އިމިގްރޭޝަން ވޮޗް" އަށް 1،500 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖުލައި 17 ގައި ތައާރަފުކުރެވުނު މި އޮންލައިން ޕްލެޓްފޯމަށް މިހާތަނަށް 1507 މައްސަލަ ހުށަހެޅިއިރު، އޭގެ ތެރެއިން 976 މައްސަލައަށް ވަނީ އެޓެންޑްވެފަ އެވެ. އަދި 244 މައްސަލަ އަދި ވެރިފައިކުރެވިފައި ނުވާއިރު، 116 މައްސަލަ އަދިވެސް ވަނީ ނުބެލި އެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއާ ގުޅުމެއް ނެތް 171 މައްސަލަ ވެސް މި މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ އެކި ރަށްރަށުގައި އޮޕަރޭޝަންތައް ހިންގަމުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކާއި، ސިނާޢީ ރަށްތަކާއި، ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް ވެސް ހިމެނެ އެވެ.
ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތަކަށް 3 އަހަރުގެ ތެރޭގައި ހައްލެއް ނެގައުމަކީ ސަރުކާރުގެ އަމާޒެކެވެ.