މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އައްޔަން ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އިއްޔެ ފާސްކުރި ނަމަވެސް އެ ކޮމިޝަނަށް ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަންކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފަ އެވެ. އެގޮތުން، 10 ބޭފުޅެއްގެ ނަން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.
އެ ނަންތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އޭގެ ތެރެއިން %75 ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅަކަށެވެ. އޭގެ ތެރެއިން ރިލްވާންއަށް ލިބުނީ ހަތަރުވަނަ އެވެ.
ބްރޯޑްކޮމްގެ މެންބަރުކަމަށް ރިލްވާން އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ވޯޓާއެކު އެވެ. ޒީނާ މީގެ ކުރިން އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުން ވެސް މަޖިލީހުން ވަނީ އޭނާގެ ނަން ފެއިލްކޮށްލައިފަ އެވެ.
ރިލްވާންއަކީ ޓީވީ މޯލްޑިވްސްގައި ގިނަ ދުވަސްތަކެއް ވަންދެން ޓީވީ ޕްރޮގުރާމްތައް ޕްރެޒެންޓްކުރެއްވި އަދި މިހާރު ވެސް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ ޓީވީއެމްގައި ޕްރޮޑިޔުސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ސަރުކާރުގެ އެކި ވުޒާރާތަކުގައި ޕަބްލިކް ރިލޭޝަންސް އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.
މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަން ކުރައްވާނީ އާންމުކޮށް ހުޅުވާލުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވައި މަޖިލީހުން ފާސްކުރުމުންނެވެ.
ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ މަޖިލީހަށް އިއްޔެ ވެސް ވަނީ އެ މަގާމަށް އައްޔަން ކުރުމަށް ނަންތަކެއް ފޮނުވައިފަ އެވެ.