ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީގެ ގާނޫނީ ކޯޅުމުގެ ތެރެއަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ނަން އިތުރުވެއްޖެ އެވެ.

މި މައްސަލައާ ގުޅިގެން ޖަސްޓިންއާ ދެކޮޅަށް ބްލޭކް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި ހެކި ބަސް ދޭން ކޯޓަށް ހާޒިރުވުމަށް ޓޭލާއަށް ވަނީ އަމުރުކޮށްފަ އެވެ.

މިކަމާ ގުޅިގެން ޓޭލާގެ ޓީމުން ބުނެފައިވަނީ ޖަސްޓިންއާއި ބްލޭކްގެ ފިލްމު "އިޓް އެންޑްސް ވިތު އަސް"އަށް ލަވައެއް ކިޔައިދިނުން ފިޔަވައި އެއްވެސް ގުޅުމެއް އެ ފިލްމާއެކު ޓޭލާގެ ނޯންނާނެ ކަމަށެވެ.

"ފިލްމުގެ ސެޓަށް ޓޭލާ ގޮސްފައެއް ވެސް ނުވާނެ. ޕްރޮޑަކްޝަންއާއި ކާސްޓިންގައި ވެސް އޭނާގެ ދައުރެއް ނޯންނާނެ،" ޓޭލާގެ ޓީމުން ބުނެފައިވެ އެވެ.

އެ ޓީމުން އިތުރަށް ބުނީ ކޯޓުން ނެރެފައިވާ އެ އަމުރަކީ ޓޭލާގެ ނަން ބަދުނާމު ކުރަން ނެރެފައިވާ އެއްވެސް އަސްލެއް ނެތް އަމުރެއް ކަމަށެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ޓޭލާއަށް ކޮށްފައިވާ އަމުރުގެ އިތުރު ސަބަބަަކަށްވަނީ އޭނާއާއި ބްލޭކްއާ އޮންނަ ގުޅުމެވެ. އެގޮތުން ޓޭލާއާއި ބްލޭކް އެކި ފަހަރުމަތިން އެކުގައި ފެނިފައިވެ އެވެ.