ޕާކިސްތާނުގެ އެކްޓަރެއް ކަމަށްވާ މާވްރާ ހޮކޭން އުޅޭނަމަ "ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައިގައި ހިއްސާނުވާނެ ކަމަށް އެ ފިލްމުގެ ފުރަތަމަ ބައިގެ ލީޑު އެކްޓަރު ހަރްޝްވަރްދަން ރާނޭ ބުނެފި އެވެ.

ހަރްޝް މިހެން ބުނެފައިވަނީ އިންޑިއާގެ އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ "އޮޕަރޭޝަން ސިންދޫރު"އަށް މާވްރާ ފާޑުކިޔާފައި ވަނިކޮށެވެ.

ހަރްޝް ބުނެފައިވަނީ އޭނާއަށް އެންމެ މުހިއްމީ އޭނާގެ ގައުމު ކަމަށާއި ސަނަމް ތޭރީ ކަސަމްގެ ދެވަނަ ބައިގައި ވެސް ފުރަތަމަ ފިލްމުގެ ކާސްޓުން ހިމަނާނަމަ އެ ފިލްމުގައި ބައިވެރި ނުވާނެ ކަމަށެވެ. އޭނާ އިޝާރާތް ކޮށްފައިވަނީ މާވްރާ އަށެވެ.

"އޮޕަރޭޝަން ސިންދޫރު"އަށް ފާޑުކިޔަމުން މާވްރާ ބުނެފައިވަނީ އެއީ އިންޑިއާގެ ވަރަށް ފިނޑި އަމަލެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ސަނަމް ތޭރީ ކަސަމްގެ ފުރަތަމަ ފިލްމުގައި ހަރްޝްއާއެކު މާވްރާ ފެނިގެން ދިޔައިރު އެ ދެމީހުންގެ ޖޯޑަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

އިންޑިއާއާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވެފައިވާއިރު ބޮލީވުޑުގައި ހަރަކާތްތެރިވާ ޕާކިސްތާނުގެ އެކްޓަރުން އެ ދާއިރާއިން ބޮއިކޮޓް ކުރަން ދަނީ ގޮވާލަމުންނެވެ.