އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ޕާކިސްތާނުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް 1.4 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފި އެވެ.
މިއާއެކު އައިއެމްއެފުން ވަނީ ޕާކިސްތާނަށް ދިނުމަށް ހަމަޖެހިފައިވާ 7 ބިލިއަން ޑޮލަރުގެ ލޯނުގެ އެހީގެ ތެރެއިން 1 ބިލިއަން ދިނުމަށް ވެސް ނިންމާފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން މިފަދަ އުދަނގޫ ތިމާވެއްޓަކާއި އެކު ވެސް ޕާކިސްތާނުން މިހާތަނަށް އެގައުމުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް ގެނެސް އިތުބާރު އާ ކޮށްފައިވާކަމަށް އައިއެމްއެފުން ވަނީ ބުނެފަ އެވެ.
މިކަމަށް އެމެރިކާގެ ވޮޝިންޓަނުގައި ބޭއްވި ބައްދަލުވުމުގައި ޕާކިސްތާނަށް ލޯނު ދިނުމަށް އިންޑިއާއިން ފާޅުގައި ވަނީ ދެކޮޅު ހަދާފަ އެވެ. އިންޑިއާއިން ތުހުމަތުކުރި ގޮތުގައި މިފަދަ އެހީތައް ޕާކިސްތާނުން ބޭނުން ކުރަނީ ޓެރަރިސްޓު ހަމަލާތަކަށް ވާގިވެރި ވުމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުގެ މަޝްރަހު ހޫނުވެ ފާއިތުވެ ދިޔަ 3 ގަރުނުގައި ވެސް ނުދޭ ފަދަ ބޮޑެތި ހަމަލާތަކެއް ދެގަައުމުގެ ދެމެދުގައި ބަދަލުކުރަމުންދާ ދަނޑިވަޅެއްގައި އައިއެމްއެފުން މިފަދައިން ނިންމުމުން އެކަމަށް ފާޑުކިޔާ އިންޑިއާއިން ވަނީ މި ނިންމުން އަލުން މުރާޖައާ ކުރުމަށް ގޮވާލާފަ އެވެ.
އައިއެމްއެފުގެ މި ނިންމުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެ އައިއެމްއެފްގެ ޕްރޮގްރާމަށް އިންޑިއާއިން ބާރުފޯރުވުމަށް ކުރާ މަސައްކަތް ނާކާމިޔާބު ވެއްޖެކަމަށް ވިދާޅުވެފަ އެވެ.