ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް އަނެއްކާވެސް ނިޒާރު ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ.އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބަދަލު ގެނައީ އިއްޔެ އެވެ.

މިގޮތުން ކޮމިޓީގައި ކުރިން އިންނެވި ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވަކިކުރައްވާ އޭގެ ބަދަލުގައި ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ ހަމަ ޖައްސާފަ އެވެ.

އެހެންނަމަވެސް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުން ފަށަމުން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ ނިޒާރުގެ ބަދަލުގައި މެންބަރު އިބްރާހީމް ދީދީ އެ ކޮމިޓީއަށް ހަމަޖެއްސީ ރަސްމީ މަސައްކަތުގައި މަޖިލިސް ތަމްސީލް ކުރުމަށް ނިޒާރު އެ ވަގުތު ސެމިނާއެއްގައި ހުންނެވުމުން ކަމަށެވެ.

އެއާއެކު ނިޒާރު އަލުން ކޮމިޓީ އާއި ގުޅިވަޑައިގެންފައިވާ ކަމަށް ހުސްނީ މުބާރަކް ވިދާޅުވި އެވެ.

އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ތުހުމަތު އަޒްމިރާލްދާ އާއި މަހާޒަށް ކޮށްފައިވާއިރު އެ ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވި ގޮތުގައި މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ވަނީ ބަދަލުވެފަ އެވެ.

އަޒްމިރާލްދާ ވަނީ މި މައްސަލާގައި މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދިވަޑައިގެން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.