މާލެ ސަރަހައްދުން މިދިޔަ ހަފުތާގައި އިތުރު ދެ މީހަކަށް ހިމަބިހި (މީސަލްސް) ޖެހި، މިއަހަރުގެ މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 22 އަށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަލިޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށްވާއިރު، ބަލި ފެތުރޭ މިންވަރު ދެނެގަތުމަށްޓަކައި މިހާތަނަށް 489 ކޮންޓެކްޓުން ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން ބަލީގެ ނުރައްކާ އެންމެ ބޮޑުވާނެ ކަމަށް ބެލެވޭ 88 ކޮންޓެކްޓެއްގެ ހާލަތު ސިއްހީ މާހިރުން ދަނީ ވަރަށް ގާތުން މޮނިޓަރު ކުރަމުންނެވެ.
ބަލި ޖެހިފައި ހުރި ކަމަށް ޝައްކުކުރެވޭ މީހުން ވީހާވެސް އަވަހަށް ދެނެގަތުމަށްޓަކައި، ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރާނެ ހާއްސަ އިންތިޒާމުތަކެއް މިހާރު ވަނީ ހޮސްޕިޓަލްތަކުގައި ގާއިމުކޮށްފަ އެވެ. މި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ވެކްސިން ދިނުމަށެވެ. އެގޮތުން ބަލިޖެހުނު މީހުންނާ ދިމާވި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކޮށް ތިބި 220 މީހަކަށް ވަގުތުން ވެކްސިން ދީފައި ވާއިރު، ފްރަންޓްލައިންގައި ރައްޔިތުންނަށް ހިދުމަތްދޭ 1,118 ސިއްހީ ހިދުމަތްތެރިއަކަށް ވެސް ވަނީ ހިމަބިހި ވެކްސިން ދީ، ރައްކާތެރިކަން ކަށަވަރުކޮށްދީފަ އެވެ.
ހަމައެއާއެކު ވެކްސިންގެ ސްޓޮކް އިތުރުކުރުމަށްޓަކައި ބައިނަލްއަގުވާމީ އެހީތެރިކަން ވެސް ވަނީ ލިބިފަ އެވެ. އެގޮތުން އިންޑިއާ ސަރުކާރުން ހަދިޔާކުރި 20,000 ޑޯޒްގެ ހިމަބިހި ވެކްސިނާއި ތިން ޓަނުގެ ސިއްހީ ސާމާނު މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއާ ހަވާލުކޮށްފަ އެވެ.
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރަން: އީރާން
އީސީއަށް ޝަކީލް އައްޔަންކުރަން ރުހުންދީފި