ޕާކިސްތާނުން އިންޑިއާގެ އަސްކަރިއްޔާގެ 5 ޖެޓު ވައްޓާލައިފި އެވެ.
ކަޝްމީރަށް ދިން ޓެރަރިސްޓް ހަމަލާއާއި އެކު އިންޑިއާއިން "މިޝަން ސިންދޫރު" ގެ ނަމުގައި ފެށި އަސްކަރީ އޮޕަރޭޝަނުގައި ޕާކިސްތާނާ ޕާކިސްތާނުން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދަށް ވަނީ މިސައިލް ހަމަލާތަކެއް ދީފަ އެވެ.
މިއަދު ހެނދުނު އިންޑިއާއިން ޕާކިސްތާނަށް އަމާޒުކޮށް ދިން މިހަމަލާތަކަކީ ހަނގުރާމައިގެ އަމަލުތަކެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ ސިފަކުރައްވާފަ އެވެ.
މި ހަމަލާތަކުގައި މިހާތަނަށް 8 މީހަކު މަރުވެފައިވާއިރު ހަމަލާތަކުގެ ޖަވާބުގައި އިންޑިއާގެ ޖެޓުތަކެއް ވައްޓާލާ އިންޑިއާގެ ބައެއް ސިފައިން ހައްޔަރުކޮށްފައިވާކަމަށް ޕާކިސްތާނުގެ އޮފިޝަލުން ބުނެ އެވެ. މިއާއެކު އިންޑިއާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި 3 މީހަކު ވަނީ މަރުވެފަ އެވެ.
ދެގައުމުގެ ދެމެދުގައި މަޝްރަހު ގޯސްވުމާ ގުޅިގެން އިންޑިއާގެ އެއާ ފޯސްއިން ވަނީ ކަޝްމީރު ކައިރީގައި އޮންނަ ސްރިނަގަރު އެއާޕޯޓުގެ ކޮންޓްރޯލް ނަގާ އާއްމު ފްލައިޓްތައް ދަތުރުކުރުން މަނާކޮށްފަ އެވެ. އަދި ވަކިގޮތަކަށް އަންގަންދެން ދަރަމްޝަލާ އާއި އަމްރިތުސަރު ގެ އެއާޕޯޓުތައް ވެސް ބަންދުކުރުމަށް އަންގައި ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލް ކޮށްފަ އެވެ.