ޝޫޓިންގެ ތެރެއިން ހިނގި ހިތާމަވެރި ހާދިސާއަކަށްފަހު އެލެކް ބެލްޑްވިންގެ ފިލްމު "ރަސްޓް"ގެ މަސައްކަތް ހުއްޓިފައި އޮންނަތާ ތިން އަހަރު ފަހުން އެ ފިލްމު ރިލީޒް ކޮށްފި އެވެ.

އެމެރިކާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ފިލްމު އަޅުވާފައިވީ ނަމަވެސް އެ ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ކުރިއަށް ނުދާތީ ގިނަ ބަޔަކަށް އެ ފިލްމު ރިލީޒްކުރި ކަމެއް ވެސް ނޭނގެ އެވެ.

2021 ވަނަ އަހަރު ޝޫޓިންގެ މަސައްކަތް ކުރިއަށްދިޔަ "ރަސްޓް"ގެ މަސައްކަތް ކުއްލި ގޮތަކަށް ހުއްޓުނީ އެ ފިލްމުގައި ހަރަކާތްތެރިވި ކެމެރާމަންއެއް ކަމަށްވާ ހެލީނާ ހެޓްޗިންސް މަރުވުމުންނެވެ.

"ރަސްޓް"ގެ ޝޫޓިންގެ ތެރެއިން އެލެކް ބޭނުންކުރި ބަޑިއެއް ބެކްފަޔާވެ ހެލީނާގެ ގަޔަށް ވަޒަން އަރައި އޭނާ މަރުވެފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މި މައްސަލާގައި ހެލީނާގެ އާއިލާއިން ވަނީ އެލެކްއާއި އެ ފިލްމުގެ ޕްރޮޑަކްޝަން ސްޓާފުންތަކެއްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފަ އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި "ރަސްޓް" ރިލީޒްކުރި ނަމަވެސް ބެލުންތެރިންގެ ފަރާތުން އެ ފިލްމަށް ލިބެމުން އަންނަނީ ފިނި ތަރުހީބެކެވެ.