ދިވެހި ސަރުކާރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަ (އެމްއައިއެފްސީ) ގާއިމުކުރަން ނިންމައި އިއްޔެ ވަނީ އިއުލާނުކޮށްފަ އެވެ.

މިތަނުގައި ކުރާ އެންމެ މުހިންމު ކަމެއްގެ ގޮތުގައި އާއްމުންނަށް ދެއްކީ ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ އިއުލާންކުރި ޝައިހް ނާއިފް ބިން އީދު އަލް ތާނީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކިޔާ ކުންފުންޏަކާއެކު ހިންގާނެ ކަމަށް ބުނާ 8.8 ބިލިއަން ޑޮލަރުގެ ޖޮއިންޓް ވެންޗާއެކެވެ.

އެމްއައިއެފްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ސެންޓަރު ގާއިމްކުރަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޓޫރިޒަމް އައިލެންޑްގައި ޖުމްލަ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައި ކަމަށެވެ. އެ ސެންޓަރުގެ މަސައްކަތް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ މަގުސަދަކީ ގައުމުގެ އިގްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކޮށް، ރާއްޖެއަކީ އިންޑިއާ ކަނޑުގެ މާލީ މަރުކަޒެއްގެ ގޮތުގައި ގާއިމުކޮށް، ކުރިއަށް އޮތް ޖީލުތަކަށް ދިގު މުއްދަތުގެ ފުރުސަތުތައް ހޯދައިދިނުމެވެ.

ނަމަވެސް ސަރުކާރުގެ މި ނިންމުމާއެކު މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްއޯޔޫގައި ސޮއިކުރިއިރު، އެމްބީއެސް ގްލޯބަލްގެ ސައްހަ ކަމާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

އެމްބީއެސް ގްލޯބަލްގެ ސައްހަކަމާމެދު އުފެދޭ ސުވާލު ބޮޑު

ސަރުކާރުގެ އުންމީދުތަކާ ޚިލާފަށް، ވިޒިލް ބުލޯވަރުންނާއި އެކި ފަރާތްތަކުން ވަނީ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅޭގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ.

ޝެއިޚް ނާޔަފް ބިން އީދު އަލް ސާނީ ހިންގާ މި ކުންފުނި ގިނަ ފަރާތްތަކުން ސިފަކުރަނީ ޝެލް އެންޓިޓީއެއްގެ ގޮތުގަ އެވެ. މި ކުންފުނީގެ މާލީ ރިކޯޑްތައް ޔަގީންކުރެވެން ނެތުމާއި، ރެގިއުލޭޓަރީ ފަރާތްތަކުން ބަލައިގަނެފައި ނުވާކަން ފާހަގަކުރެވެ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތު

އެ ކުންފުނިން ބުނާ ގޮތުގައި 12 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެސެޓްތައް ކުންފުނިން ބަލަހައްޓަ އެވެ. ނަމަވެސް މި އަދަދު ޔަގީންކޮށްދޭ މިނިވަން އޮޑިޓެއް ނުވަތަ އާންމު ރެކޯޑެއް ނެތެވެ.

ކުންފުނީގެ އޮނިގަނޑުގައި ސުވާލު އުފެދޭ ގޮތަށް އެތައް ކަމެއް

އެމްބީއެސް ގްލޯބަލްގެ ގުޅުންހުރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްބީއެސް ރިއަލް އެސްޓޭޓް، އެމްބީއެސް ހެލްތްކެއާ، އެމްބީއެސް ކޮންސަލްޓިން އަދި ސީއައިބީ ކްރެޑިޓް އިންވެސްޓްމަންޓް ފަދަ ކުންފުނިތަކުގެ ވެބްސައިޓެއް ނެތުން ނުވަތަ ހުރި ބައެއް ކުންފުނިތަކުގެ ހުރީ އާދައިގެ ޓެމްޕްލޭޓް ވެބްސައިޓްތަކެކެވެ.

މި ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކުގައި ގުޅޭނެ ނަންބަރުގެ ގޮތުގައި ހުންނަނީ އެއް ނަމްބަރުތަކެކެވެ. މިކަމުން އެ ގްރޫޕްގެ ސައްހަކަމާމެދު ޝައްކު އުފެދެ އެވެ. މީގެ އިތުރުން ގަތަރު ޝާހީ އާއިލާގެ އިންވެސްޓްމަންޓްތަކާ ގުޅޭ ހަބަރުތައް އެ ގައުމުގެ އެކިއެކި ނިއުސް ޗެނަލްތަކުން ކަވަރުކުރެ އެވެ. ނަމަވެސް މި އިންވެސްޓްމަންޓާ ގުޅޭ އެއްވެސް ގަތަރުގެ އެއްވެސް ނިއުސް ޗެނަލްއަކުން ކަވަރުކޮށްފައެއް ނެތެވެ.

އެ ކުންފުނިން މީގެ ކުރިން އިއުލާންކުރި ޕްރޮޖެކްޓްތައް ހަގީގަތަކަށް ނުވޭ

2024 ވަނަ އަހަރު، އެމްބީއެސް ގްލޯބަލް އާއި ޝެއިޚް ނާޔަފް ވަނީ މަޝްހޫރު ބައްދަލުވުންތަކެއް ބާއްވައި، ޓްރިލިއަން ޑޮލަރުތަކުގެ ޑީލްތަކެއް ހަދާފައިވާ ކަމަށް އިޢުލާނުކޮށްފަ އެވެ. ނަމަވެސް މި އެއްބަސްވުންތަކުގެ ތެރެއިން އެއްވެސް އެއްބަސްވުމެއް ހަގީގަތަކަށް ނުވެ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ (އެމްއައިއެފްސީ) އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތު

މީ ބޮޑު އޮޅުވާލުމަކަށް ވެދާނެ

ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި "އެމްބީއެސް" މި ނަން ބޭނުންކޮށްފައި ވަނީ ގަސްދުގައި އޮޅުވާލުމަށް ކަމަށް ވެދާނެ އެވެ. މިއީ ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ގުޅުމެއް ހުރި ކަމަށް ދޭހަކޮށްދިނުމަށް ކަމަށް ބެލެވޭ ކަމަށް ބުނެ މީހުން ދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް އެފަދަ އެއްވެސް ގުޅުމެއް ނެތެވެ.

ކުންފުންޏާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އެ ކުންފުނީގެ ޕޯޓްފޯލިއޯގައި ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭގެ ލޯގޯ ހިއްސާކޮށްފައިވަނިކޮށް ފެނި، ބައެއް ފަރާތްތަކުން އައިއެމްއެފް އަދި ސީއައިއޭ ޓެގްކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފެށުމުން ވަނީ އެމްއެމްއޭގެ ނަން ވެބްސައިޓުން ނަގައިފަ އެވެ.

އެމްބީއެސް ގްލޯބަލްގެ އަސްލު މަގުސަދަކީ ދިވެހި ސަރުކާރުން ރަސްމީ ސިޓީތަކެއް ނުވަތަ ބިންތަކެއް ހޯދުމަށްފަހު، އެ ލިޔުންތައް ބޭނުންކޮށްގެން ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ފައިނޭންސަރުން ހޯދުމަށް ވެދާނެ އެވެ. މިއީ ބައިނަލްއަގުވާމީ އިންވެސްޓްމަންޓް ސްކޭމްތަކުގައި އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ.

މިކަމުގެ ސަބަބުން ގައުމުގެ އަގުވެއްޓުމުގެ ފުރުސަތު

ދިވެހި ސަރުކާރުން އެމްއައިއެފްސީ މަޝްރޫޢު ފާހަގަކުރަނީ ގައުމަށް ބަދަލުގެނެސްދޭނެ ފިޔަވަޅެއްގެ ގޮތުގައި ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނަނީ ބަލަންވީ ވަރަށް ނުބަލައި ސަރުކާރުން މިފަދަ ކަންކަން އަވަސްއަރުވާލައިގެން ނިންމާނަމަ، ގައުމުގެ އަގުވެއްޓި އިންވެސްޓަރުން ނުލިބި ދާނެ ކަމަށެވެ.

ޔަގީންކުރެވިފައި ނުވާ ނުވަތަ ވެރިފައި ނުކުރެވޭ ބޭރުގެ ކުންފުނިތަކާއެކު ހަދާ އެއްބަސްވުންތަކުގެ ސަބަބުން ގައުމު މާލީ، އަދި ގާނޫނީ ނުރައްކާތަކަށް ހުށަހެޅިދާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިއީ އެފަދަ އިންވެސްޓްމަންޓަކަށް ވެދާނެ ކަމެކެވެ.