އިމާމުންނާއި ދީނީ ފަތުވާދޭ މީހުންގެ ގާބިލުކަން އިތުރުކުރުމުގެ ނަމުގައި އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އިން ތަމްރީނު ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްފި އެވެ.

އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)ގެ ސްޓްރެޓެޖިކް އިނިޝިއޭޓިވް "ވަސާތާ"ގެ ދަށުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިމާމުންނާއި ދީނީ ފަތުވާދޭ ފަރާތްތައް ހިމެނެ އެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މީގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް-މޮގެދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ އައިއެމްސީޓީސީއިން ރާއްޖޭގެ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަ އޮފް ދަ (އެންސީޓީސީ) އާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޓެރަރިޒަމާއި ހައްދުފަހަނައެޅުން ހުއްޓުވުމުގައި އެއްބާރުލުން އިތުރުކުރުމަށްޓަކައި ކުރިއަށް ގެންދާ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޓެރަރިޒަމަކީ އިސްލާމްދީނުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހޭލުންތެރިކަމާއި މެދުމިނުގެ ކަންކަން ކުރިއަރުވައިގެން ކުރިމަތިލާންޖެހޭ ފިކުރީ ބައްޔެއްކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޝަހީމް ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރުތަކުން މުޖުތަމައުތައް ރައްކާތެރިކުރުމަށް އައިއެމްސީޓީސީން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ރައީސް މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ޓެރަރިޒަމާއި ހައްދުފަހަނައެޅުން ހުއްޓުވުމަށް ރާއްޖެއިން މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި އައިއެމްސީޓީސީއަކީ މެމްބަރު ގައުމުތަކާ ގުޅިގެން މި ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބި ގާބިލުކަން އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

(އައިއެމްސީޓީސީ)ގެ އެހީތެރިކަމާއެކު ޓެރެރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖޭގައި ހާއްސަ ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ވާހަކަދައްކަވަނީ. ފޮޓޯ: އައިއެމްސީޓީސީ

އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، މި ކޯލިޝަނަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އިލްމީ، މީޑިއާ، މާލީ އަދި އަސްކަރީ ގާބިލުކަން އިތުރަށް ހަރުދަނާކުރެއްވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ކޯޑިނޭޓްކޮށް، ސަފުތައް އެއްބައިވަންތަކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކޯލިޝަނެއް ކަމަށް ވިދާޅުވި އެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތައްޔާރީތައް އިތުރުކުރުމަށް ޓަކައި ގާބިލްކަން އިތުރުކުރުމަށާއި ފަންނީ ބޭފުޅުން ތަމްރީނުކުރުމަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައުމުތަކާއި ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ޓެރަރިސްޓް ޖަމާއަތްތަކުގެ ހަރަކާތްތައް މޮނިޓާކޮށް ޓްރެކް ކުރެވޭނެ ނިޒާމުތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، ގާބިލުކަން އިތުރުކުރުމަކީ، އަމާން އަދި މިހާރަށް ވުރެ ހަރުދަނާ މާހާއުލެއް ގާއިމުކުރުމަށް މަގުފަހިކޮށްދޭ ކަމެއް،" އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ސެކްރެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ، މިއީ އައިއެމްސީޓީސީގެ ފުޅާ ސްޓްރެޓެޖިކް ފްރޭމްވޯކްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، އޭގެ ތެރޭގައި މައިގަނޑު ހަތަރު ދާއިރާއެއް ކަމަށްވާ ފިކުރީ، މީޑިއާ، ކައުންޓާ ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި އަސްކަރިއްޔާ ފަދަ މައިގަނޑު 15 އިނީޝިއޭޓިވް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމުގެ މަގުސަދުގައި، 90 ތަމްރީނު ޕްރޮގްރާމަކާއި، އިލްމުގެ މައްޗަށް ބިނާކޮށް 20 ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ކޯލިޝަންގެ މެންބަރު ގައުމުތަކުގައި ހިންގުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

(އައިއެމްސީޓީސީ)އިން ބޭއްވި ހާއްސަ ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް މިނިސްޓަރު ޝަހީމަށް ހަނދާނީ ހަދިޔާއެއް ދެއްވަނީ. ފޮޓޯ: އައިއެމްސީޓީސީ

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން ބޭނުންކުރާ ޕްރޮޕެގެންޑާ މެތަޑްތަކާއި، ވަރުގަދަ ތަގުގީރުތައް ދިނުމުގެ މައިގަނޑު އަސާސްތަކާއި، މުވާސަލާތީ ހުނަރުތަކާއި، މެދުމިނުގެ ވިސްނުމާއި އެކަމުގައި ހަމަހަމަކަން ގެންގުޅުމާ ބެހޭ ގޮތުން ސިލްސިލާ ލެކްޗާތަކާއި ވޯކްޝޮޕްތައް ބޭއްވުން ހިމެނެ އެވެ. އަދި ކާމިޔާބު ދީނީ ދަރުސްތައް ދިނުމުގެ ތަޖުރިބާތައް ހިއްސާކުރެވޭނެ ޕްލެޓްފޯމެއް ވެސް ހިއްސާކުރުން ހިމެނެ އެވެ.