ރައީސް މުހައްމަދު މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު މުނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ނިސްބަތްވާ މުނާ އިސްތިއުފާ ދެއްވަމުން ރައީސް އަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރާއި އޭގެ ފަހުން ވެސް އެ މަނިކުފާނަކީ ބަހާއި އަމަލާ ދިމާނުވާ، އަދި ކަންކަން ރައްޔިތުންނަށް އޮޅުވައިލެއްވުމުގެ އިތުރުން، އިންތިހާއަށް އިތުރުފުޅު ހައްދަވާ ބޭފުޅެއްކަން ސާބިތުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މުނާ ވަނީ ސަރުކާރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ވިޔަފާރިއަށް ދަތިކޮށް، މުދާތައް ފޭރި، އެ މަނިކުފާނުގެ އަގު ވައްޓައިލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެއީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒުއަށް ތާއީދުކޮށް އެމްޑީއޭއިން ވަނީ ޕީޕީއެމްއާއެކު ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދާފަ އެވެ. ނަމަވެސް އެ ކޯލިޝަން ރޫޅިފައިވާކަން ރައީސް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ޕްރެންސް ކޮންފަރެންސްގައި ވިދާޅުވެފަ އެވެ.

މީގެ ދުވަސްތަކެއް ކުރިން އެމްޑީއޭއަށް ނިސްބަތްވާ ބައެއް ފަރާތްތަށް ސިޔާސީ މަގާމުތަކުން ވަކި ވެސް ކޮށްފައިވެ އެވެ.