ބޮމުގެ ހަމަލާއެއްގެ އިންޒާރާ އެކުވެސް ބްރެޒިލްގައި ބޭއްވި މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ ކޮންސެޓަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބްރެޒިލްގެ ރިއޯ ޑި ޖެނީރިއޯގައި ބޭއްވި އެ ކޮންސެޓަށް 2.5 މިލިއަނަށްވުރެ ގިނަ މީހުން އެއްވި ކަމަށް ހަބަރުތައް ބުނެ އެވެ.
މިއީ އަންހެން އާޓިސްޓެއްގެ ކޮންސެޓަކަށް އެންމެ ގިނަ އަދަދެއްގެ މީހުން އައި ކޮންސެޓް ކަމަށް އެ އިވެންޓް އިންތިޒާމުކުރި ފަރާތްތަކުން ބުނެ އެވެ.
މީގެ ކުރިން އެ ރެކޯޑު އޮތީ މިދިޔަ އަހަރު ހަމަ އެ އަވަށުގައި މެޑޯނާ ދިން ކޮންސެޓަށެވެ. މި ދެ ކޮންސެޓަކީ ވެސް އެއްވެސް އަގެއްނެތި ވަދެވޭ ގޮތަށް އޮތް ދެ ކޮންސެޓެވެ.
މި ކާމިޔާބީއާއެކު ގާގާ ބުނެފައިވަނީ ދެ މިލިއަނަށްވުރެ ގިނަ މީހުން އޭނާގެ ކޮންސެޓް ބަލަން އައުމުން ކުރެވޭ އިހުސާސް ބުނެދޭން ވެސް ނޭނގޭ ކަމަށާއި އެކަމަށްޓަކައި އޭނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ލޭޑީ ގާގާގެ ކޮންސެޓަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިފައި މިވަނީ އެ ކޮންސެޓްގެ ތެރެއިން ބޮމެއް ގޮއްވާލާނެ ކަމަށް ބަޔަކު އިންޒާރު ދީފައި ވަނިކޮށެވެ.
އެ އިންޒާރާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށް ބްރެޒިލްގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައިވެ އެވެ.