ބޮލީވުޑް އަޑި އަޅާލާފައިވަނީ އެ ދާއިރާގައި އެއްވެސް އުފެއްދުންތެރި ކަމެއް ނެތުމުން ކަމަށް ކާމިޔާބު ތަރި ނަވާޒުއްދީން ސިއްދީގީ ބުނެފި އެވެ.

ޔޫޓިއުބް ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ނަވާޒުއްދީން ވަނީ މިހާރަކަށް އައިސް ބޮލީވުޑްގެ ފިލްމުތަކަށް އެދެވޭ ތަރުހީބެއް ނުލިބޭ ސަބަބާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.

ނަވާޒުއްދީން ބުނީ މިހާރު ބޮލީވުޑްގެ ފިލްމުތަކުގައި އެއްވެސް އުފެއްދުންތެރި ކަމެއް ނެތް ކަމަށާއި އަހަރުތަކެއް ވަންދެން އެއް ވާހަކައެއްގެ މައްޗަށް ފިލްމުތައް ހަދަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން ބޮލީވުޑްގެ ޕްރޮޑިއުސަރުން ދެކުުނުގެ ފިލްމީ ދާއިރާގެ ގޮތްތައް ނަކަލު ކުރަމުން އަންނަ ކަން ވެސް ނަވާޒުއްދީން ފާހަގަކުރި އެވެ.

ނަތީޖާއަކަށްވަނީ ބޮލީވުޑްގެ އަމިއްލަވަންތަކަން ގެއްލި ބޮލީވުޑް ފިލްމުތަކާމެދު ބެލުންތެރިންގެ ޝައުގުވެރިކަން ވެސް ގެއްލުން ކަމަށް ނަވާޒުއްދީން ބުންޏެވެ.

ނަވާޒުއްދީންގެ ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ އޯޓީޓީ ފިލްމެއް ކަމަށްވާ "ކޮސްޓާއޯ" އިންނެވެ.