ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަހުގެ ނިންމުމާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވަމުން އެކްސް މެދުވެރިކޮށް ދެއްކި ވާހަކައިގައި ފައްޔާޒް ވިދާޅުވީ ޖޭއެސްސީން ވަނީ ރާއްޖޭގެ ޖުމްހޫރިއްޔާއާއި ޑިމޮކްރަސީ ރައީސް މުއިއްޒުގެ އަނިޔާވެރި ވެރިކަމަކަށް ދޫކޮށްލާފައި ކަމަށެވެ.

އޭނާ ވިދާޅުވީ، ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށާއި، މިއީ ރައްޔިތުންގެ އަޑު މަޖިލީހުގެ ތެރެއިން ނިއްވާލުމަށް ރައީސް މުޢިއްޒު ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. އަދި މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި ކަންތައްތަކުގެ ތަކުރާރެއް ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ފަނޑިޔާރުންނާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަކީ ސިޔާސީ ބޭނުމަށް ކުރެވުނު ތުހުމަތުތަކެއް ކަމަށާއި، އެ ފަނޑިޔާރުންނަށް އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ކަމަށް ފައްޔާޒް ފާހަގަކުރެއްވި އެވެ. އަދި މިހާތަނަށް ވެސް އެ ފަނޑިޔާ ފަނޑިޔާރުން ވަކިކުރި ސަބަބު ރައްޔިތުންނަށް އެނގިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފައްޔާޒް އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީގައި ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާތައް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ނުފޫޒުން އެއްކިބާވެފައިވާ، ހަމައެކަނި ރައްޔިތުންނަށް ޖަވާބުދާރީވާ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ މަގާމުތަކުން މީހުން ވަކިކުރުމުގެ ބާރު އޮންނަންވާނީ ސީދާ ރައްޔިތުންގެ އަތްމަތީގައި ކަމަށް ވެސް ވިދާޅުވި އެވެ.