ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާއި ގުޅިގެން މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތާއި ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނު ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނާ މައްސަލަ އެކެވެ.
އެ ތުހުމަތަށް އެ ދެ ފަނޑިޔާރުން އިންކާރައްވާ، އެފަދަ ކަމެއް ނުކުރައްވާ ކަމުގެ ހެކި ހުށަހެޅުއްވި ނަމަވެސް އެ ދެ ބޭފުޅުން ވަކިކުރަން ތަހުގީގު ކޮމެޓީން ނިންމި ނިންމުން ޖޭއެސްސީގެ މިއަދު ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ވޯޓުން ފާސްވެގެންނެވެ.
އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލައިގައި ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ތައްޔާރު ވެފައި ވަނިކޮށެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމާފައި ވަނިކޮށެވެ.