މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހޭ އަރައިފި އެވެ.
ޔުމުނު ހޭ އަރާފައި މިވަނީ ހ.ފެންޓޯނިއާ ގޭގެ ނުވަނަ ފަންގިފިލާއިން ވެއްޓި، ކައިރީގައި ހުރި ގުދަނެއްގެ މަތީގައި އޮއްވާ ފެނިގެން ގެންގޮސް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދިނުމަށްފަހު، މިހާރު ރާއްޖެއިން ބޭރުގައި އިތުރު ފަރުވާ ދެމުން ދަނިކޮށެވެ.
އެކަން ހާމަކޮށް މިރޭ ޔުމްނުގެ ޢާއިލާއިން ބުނެފައިވަނީ ޔުމްނު މިހާރު ހޭ އަރާފައިވާކަމަށާއި ހާލަތު ”ސްޓޭބަލް“ ކަމަށެވެ. ހޭއެރިނަމަވެސް ޔުމްނުއަށް އަދިވެސް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް އާއިލާން ބުންޏެވެ.
"ޔުމްނު އޮތީ ފުން ޝޮކެއްގައި. މިހާރުވަނީ ކާންދިނުމަށް ގުޅާފައިވާ ހޮޅި ނަގާފައި" އާއިލާއިން ބުނެފައިވެ އެވެ.
މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުވެސް ޔުމުނުގެ ސާޖަރީއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާއިލާއިން ހާމަކުރި އެވެ.
ޔުމުނުއަށް މިހާރު ފަރުވާ ދެމުންދަނީ މެލޭޝިޔާގަ އެވެ. ދިވެހިންގެ ގިނަ ބަޔަކު ވަނީ ޔުމުނުގެ ބޭސްފަރުވާއަށް ދީލަތި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް ދެވަނަ ފަހަރަށް ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. މިހާރު އޭނާ ބަންދުކޮށްފައިވަނީ 10 ދުވަހަށެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވައި މިނިވަން އިންސާފުވެރި ތަހުގީގެއް ފުލުހުން ނުކުރާކަމަށް ބުނެ ޒުވާނުން ދަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.
މި މައްސަލަ ބެލުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދާފަ އެވެ.