މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި މަސައްކަތްކުރާ އިސް ދެ ޑިޕްލޮމޭޓަކު ގަވާއިދާ ހިލާފުވެގެން އެ ގައުމުން ފޮނުވާލައި އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި މެލޭޝިޔާ ކަސްޓަމްސް އިން ކުރި ރިޕޯޓަކާ ގުޅިގެން އަނބުރާ ރާއްޖެ ފޮނުވާލީ ޑެޕިޔުޓީ އެމްބެސެޑަރު އިބްރާހީމް ޝާޒް ހަބީބާއި ފަސްޓް ސެކްރެޓަރީ އަހްމަދު ފިރާޒް މޫސާ އެވެ.

އެ ދެ ބޭފުޅުން މެލޭޝިޔާ ހައިކޮމިޝަންގެ ފާސް ނަހަމަގޮތުގައި ބޭނުންކޮށްގެން މެލޭޝިޔާގެ އެއާޕޯޓުން މުދާ އެތެރެކޮށް ބޭރުކުރާ ކަމަށް އެ ގައުމުގެ ކަސްޓަމްސް އިން ދިވެހި ސަރުކާރަށް އަންގާފައިވާކަން އިތުބާރުހުރިގޮތަކަށް އެނގިފައިވެ އެވެ.

މި ފިޔަވަޅު އެޅިކަން ފޮރިން މިނިސްޓްރީން ވަނީ ސިއްރުކޮށްފަ އެވެ. އެނގިފައިވާގޮތުގައި އެ ދެ މީހުންނަށް މިހާރު ވަނީ އަލުން ވަޒީފާއަށް ނުކުންނަން އަންގާފަ އެވެ. އޭގެތެރެއިން ޑެޕިޔުޓީ އެމްބެސެޑަރު ޝާޒް ވަނީ ވަޒީފާއަށް އަލުން ނުކުތުމަށްޓަކައި މެލޭޝިޔާއަށް މިހާރު ގޮސްފަ އެވެ. ފަސްޓް ސެކްރެޓަރީ ފިރާޒް ވެސް އަންނަނީ އެނބުރި މެލޭޝިޔާއަށް ދިޔުމަށް ތައްޔާރުވަމުންނެވެ.

މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން މެލޭޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.

އެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މެލޭޝިޔާ ހައިކޮމިޝުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ. ބޮޑު މުސާރައާއެކު އެ ހައިކޮމިޝަނުގައި 25 މުވައްޒަފުން ތިބޭކަން ވަނީ ހާމަވެފަ އެވެ.