ބޮލީވުޑްގައި މިހާރު އެންމެ މަގުބޫލު އެއް ތަރި ކަމަށްވާ ދީޕިކާ ޕަދުކޯން 2007 ވަނަ އަހަރު އެ ދާއިރާއަށް ތައާރަފްވިއިރު އޭނާއަކީ ބޮލީވުޑްއާ އެއްވެސް ގުޅުމެއް ނެތް "ބޭރު" މީހެކެވެ.

މިހާރު ކުރިއަށްދާ ވޭވްސް 2025ގައި ޝާހްރުކް ޚާންއާއި ކަރަން ޖޯހަރުއާއެކު ދެއްކި ވާހަކައެއްގެ ތެރެއިން ދީޕިކާ މިވަނީ އޮޑިޝަންއަކާ ނުލާ އޭނާގެ އެންމެ ފުރަތަމަ ފިލްމު "އޯމް ޝާންތި އޯމް"ގެ ފުރުސަތު ލިބުނު ގޮތް ކިޔައިދީފަ އެވެ.

ދީޕިކާ ބުނީ އެ ދުވަސްވަރު އޭނާއަކީ ބެންގަލޫރުން މުމްބާއީއަށް އަލަށް އައި 16-17 އަހަރުގެ މޮޑެލްއެއް ކަމަށާއި އެ ދުނިޔެއަކީ އޭނާއަށް ވަރަށް އާ ދުނިޔެއެއް ކަމަށެވެ.

އެގޮތުން މޮޑެލް ކުރަން އުޅުނު ދުވަސްވަރު ފިލްމުގެ ޑިރެކްޓަރު ފަރާ ޚާން އޭނާ އެ ފިލްމަށް ނަގަން ޝައުގުވެރިކަން ފާޅުކުރި ކަމަށާއި އެ ފުރުސަތުގެ ބޭނުން އޭނާ ހިފީ ޝާހްރުކް ޚާންއާ ބައްދަލު ކުރަން ބޭނުންވާތީ ކަމަށް ދީޕިކާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ އޭނާއަކީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް މީހެއް ނަމަވެސް އޭނާ މަސައްކަތްކުރީ ހިތްވަރާއި އަޒުމާ އެކުގައި ކަމަށާއި އޭނާގެ ކާމިޔާބީގެ ސިއްރަކީ އެއީ ކަމަށެވެ.

އޭގެ ފަހުން މިހާރު 18 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ދީޕިކާއަކީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް އަންހެން ފަންނާނުންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ.