ރާއްޖޭގައި މިނިވަން ނޫސްވެރިކަމަށް ޖާގަދެއްވުމުގައި ސާބިތުކަމާއި އެކު ދެމި ހުންނަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ މިއަހަރުގެ މި ދުވަހުގެ ޝިއާރު ކަމަށްވާ "ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު" އަށް އަލިއަޅުވާލައްވާފަ އެވެ.
މިގޮތުން ރައީސް މުއިއްޒު ވިދާޅުވީ ޒިންމާދާރުކަމާއެކު ބޭނުންކުރެވޭނަމަ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށާއި ނަމަވެސް އޭގެ ބޭނުން ނޭދެވޭ ގޮތުގައި ހިފާނަމަ ފިތުނަ ފަސާދައާއި ދޮގު މައުލޫމާތު ފެތުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.
އެހެންކަމުން އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހެޔޮގޮތުގައި ހިފާ ކުރިއަރުވާ ބަޔަކަށްވުމަށް މަސައްކަތްކުރުމަށް ރައީސް މުއިއްޒު ވަނީ ނަސޭހަތްތެރި ވެލައްވާފަ އެވެ.
ރާއްޖޭގައި މިނިވަން ޒިންމާދާރު ނޫސްވެރިކަމަކަށް ޖާގަދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސާބިތުކަމާއެކު ހުންނަވާނެކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައްހަ އަދި އިތުބާރުހުރި މައުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވަމުންދާ ނޫސްވެރިންގެ ހިތްވަރަށް ތައުރީފް ކުރައްވާފަ އެވެ.