ބައެއް ދޫނި ވެސް ކިރު އުފައްދާކަން ދޫނީގެ ދިރިއުޅުން ދިރާސާކުރާ ފަރާތްތަކުން ދެނެގަނެފި. ކިރު އުފައްދާ ދޫނި ކަމަށް ހޯދިފައިވަނީ ކޮތަރާއި، ފްލެމިންގޯ އަދި ޕެންގުއިން. ދޫނީގެ ކިރަށް ދެވިފައިވާ ނަމަކީ "ކްރޮޕް މިލްކް". އެއީ މަޑު ރީނދޫ ކުލައިގެ ފެނެއް. ފްލެމިންގޯ އުފައްދާ ކްރޮޕް މިލްކް ހުންނަނީ ގަދަރަތް ކުލައިގައި. ޕެންގުއިންގެ އުފެދޭ ކްރޮޕް މިލްކަކީ ވެސް ޅަ ޕެންގުއިންގެ ފުރަތަމަ ދުވަސްކޮޅަށް މުހިންމު ކިރެއް. ކްރޮޕް މިލްކް ދިނުމުގައި އަންހެން އަދި ފިރިހެން ދޫނި ވެސް ހިއްސާވޭ.

ގާތުން ކިރުދެނީ މެމަލްސްގެ އާއިލާއަށް ނިސްބަތްވާ ޖަނަވާރުން ކަމަށް ކުރިން ހީވެފައިވީ ނަމަވެސް ބައެއް ދޫނިވެސް ކިރުއުފައްދައި އެސޮރުމެންގެ ޅަދޫނިތަކަށް ކިރުދޭ ކަމަށް ދޫނީގެ ދިރިއުޅުން ދިރާސާކުރުމުގެ ތެރެއިން ދެނެގަނެވިއްޖެ އެވެ. އެގޮތުން ކިރު އުފައްދާ ދޫނިކަމަށް ހޯދިފައި ވަނީ ކޮތަރާއި، ފްލެމިންގޯ އަދި ޕެންގުއިން އެވެ.

ކުރިން ބެލެވިފައި ވަނީ މައި ދޫނި އޭތީގެ ދަރިންނަށް ތުނބުން ދޭ ކާނާއަކީ އޭތި ޝިކާރަކޮށްގެން ގެންނަ ތަކެތި ކަމަށެވެ. ނަމަވެސް ދާދިފަހުން ދެނެވުނު ގޮތުގައި، ކިރުދޭ ދޫނި ދޭ ކިރަކީ އިންސާނުން ދޭކިރާ ތަފާތު ކިރެއް ކަމެވެ. ފުރަތަމަ ކަމަކީ ދޫނީގެ ކިރު އުފެދުމަށް ޚާއްސަ ގުނަވަނެއް ނުހުންނަ ކަމެވެ. އަދި ލެކްޓޯސް އޭ ކިއުނު މާއްދާ ވެސް ނުހުންނަކަމެވެ.

ދެކޮތަރު އުދުހެނީ: ބައެއް ދޫނި ކިރު އުފައްދާކަން ދެނެގަނެވިފައިވޭ

ދޫނީގެ ކިރަށް ދެވިފައިވާ ނަމަކީ "ކްރޮޕް މިލްކް" އެވެ. މި ކިރު އުފެދެނީ މައި ދޫނީގެ ކަރު ތެރޭގައި އިންނަ ޚާއްސަ ތަނަކުންނެވެ. އެތަނަށް "ޕައުޗް" ނުވަތަ "ކްރޮޕް" އޭ ވެސް ކިޔެ އެވެ. ކްރޮޕް ކިރަކީ ފައިދާހުރި ފެޓްސް އަދި ޕްރޮޓީންސް ގިނަ އަދަދަކަށް އެކުލެވިފައިވާ ކިރެކެވެ. ޚާއްސަކޮށް ޅަދޫނި އުފަންވާތާ ފުރަތަމަ ދުވަސްކޮޅު، އޭތި ހެދި ބޮޑުވުމަށް ބޭނުންވާ މުހިންމު ކާނާ އެކެވެ.

ކްރޮޕް މިލްކް ކިއުނު ކަމަށް ވިޔަސް މިކާނާއަކީ އިންސާނުން ބޭނުންކުރާ ފަދަ ކިރެއް ނޫނެވެ. އެއީ ހަމައެކަނި މައި ދޫނީގެ އަރުތެރެއިން އުފެދިގެން އަންނަ ޚާއްސަ ފެނެއް ކަމަށް ދޫނީގެ ދިރިއުޅުން ދިރާސާ ކުރައްވާ ޑރ. ސާރާވެގްނާ ވިދާޅުވި އެވެ.

ކޮތަރު އުފައްދާ މަޑު ރީނދޫ ކުލައިގެ ކްރޮޕް މިލްކް

ކްރޮޕް މިލްކް އުފައްދާ ކަމަށް އެންމެ ބޮޑަށް ފާހަގަވެފައިވަނީ ކޮތަރު އާއިލާގަ އެވެ. އަންހެން ކޮތަރާއި އަދި ފިރިހެން ކޮތަރު ވެސް އެތީގެ ޅަ ދޫންޏަށް ކްރޮޕް މިލްކް ބޯންދެ އެވެ. މަންމަ ކޮތަރު ކާތަކެތި ހޯދަން އުދުއްސައި ގަތުމުން، ކުދި ދޫނިތައް ބައްޕަ ކޮތަރު ބަލަހައްޓާއިރު އޭތީގެ އަރުތެރެއިން ކްރޮޕް މިލްކް ޅަދޫނިތަކަށް ބޯންދޭކަން ވަނީ ފާހަގަވެފަ އެވެ.

ކޮތަރެއް: ފިރިހެން އަދި އަންހެން ކޮތަރުގެ ވެސް ކިރު އުފެދޭ

މަޑުރީނދޫ ކުލައިގެ މިފެނުގައި 60 ޕަސެންޓް ޕްރޮޓީންސް (ހަށިގަނޑު ބޮޑުކޮށްދޭ ކާނާ) އަދި މިންވަރަކަށް ފެޓްސް ހިމެނެ އެވެ. ކްރޮޕް ކިރު އުފެދެން ފެށެނީ ޕްރޮލެކްޓިން ކިޔާ ހޯމޯންގެ ސަބަބުން ކަމަށް ޑރ. ސާރާ ވެގްނާ ވިދާޅުވި އެވެ. މިހޯމޯންއަކީ އިންސާނުން ވެސް އެ ގްރޫޕެއްގައި ހިމެނޭ މެމަލްސްގެ ހަށިގަނޑުން ކިރު އުފައްދަން އެހީތެރިވެދޭ ހޯމޯން އެވެ.

ފްލެމިންގޯ އުފައްދާ ރަތް ކޮރޮޕްމިލްކް

ކޮތަރު އާއިލާގެ އިތުރުން ކިރު އުފައްދާ ކަމަށް ހޯދިފައިވާ ދެވަނަ ދޫންޏަކީ ފްލެމިންގޯ އެވެ. ކޮތަރު އުފައްދާ މަޑު ރީނދޫކުލައިގެ ކްރޮޕް މިލްކާ ޚިލާފަށް ފްލެމިންގޯ އުފައްދާ ކްރޮޕްމިލްގެ ކުލައަކީ ގަދަ ރަތްކުލަ އެވެ. އެ ކުލަ އަންނަ ކަމަށް ބެލެވެނީ ފްލެމިންގޯގެ ކާނާގައި ހިމެނޭ ކެރީޓިނޮއިޑްސް ކިޔާ މާއްދާ އެއްގެ ސަބަބުންނެވެ. ފްލެމިންގޯގެ ކާނާއަކީ އޭތި ގިނަ ވަގުތު ހޭދަކުރާ ފެންގަނޑުގައި ދިރިއުޅޭ ޑިނގާ، ކުދި ކަކުނި އާއި ވިނަ އެވެ. ފްލެމިންގޯތައް މަޑު ފިޔާތޮށި ކުލައިގައި ހުންނަ ސަބަބަކީ އޭތީގެ ކާނާއިން ގިނަ އަދަދަކަށް ކެރީޓިނޮއިޑްސް ލިބޭތީ އެވެ. އަދި ކްރޮޕް މިލްކްގެ ކުލަ ވެސް ރަތްވެފައި ވަނީ މިބުނެވުނު ކެރީޓިނޮއިޑްސްގެ ސަބަބުންނެވެ.

ފްލެމިންގޯދޫނި: ފްލެމިންގޯގެ އުފެދޭ ކިރު ހުންނަނީ ގަދަ ރަތް ކުލައިގައި ކަން ހޯދިފައިވޭ

ފްލެމިންގޯގެ ކްރޮޕް ކިރުގައި ޕްރޮޓީންސް (ހަށިގަނޑު ބޮޑުކޮށްދޭ ކާނާ) އާއި ފެޓްސްގެ އިތުރުން، ޅަ ފްލެމިންގޯގެ ފުރަތަމަ ދުވަސްކޮޅަށް ކޮންމެހެން ބޭނުންވާ އޭތީގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްބޭނުންވާ މާއްދާތައް ހިމެނެ އެވެ. ޅަ ފްލެމިންގޯގެ ފުރަތަމަ ދެތިން ހަފްތާގައި އޭތި މުޅިން ވެސް ބަރޯސާވެގެން އުޅޭ ކާނާއަކީ މިބުނެވިދިޔަ ގަދަ ރަތްކުލައިގެ ކްރޮޕް މިލްކެވެ. އެމެރިކާއިން 2022 ގައި ކުރި ދިރާސާއަކުން ހާމަވިގޮތުގައި ބޭބީ ފްލެމިންގޯތައް އޭތީގެ މައިންބަފައިންގެ ފަރާތުން ލިބޭ ކްރޮޕް މިލްކް ބޭނުންކުރާ މިންވަރު ގިނަކަމުން މަންމަ އާއި ބައްޕަ ފްލެމިންގޯގެ ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑު ޕަސެންޓެއް ލުއިވެގެން ދެ އެވެ.

ފިރިހެން ޕެންގުއިން އުފައްދާ އިމަޖަންސީ ކިރު

ޕެންގުއިން ދިރިއުޅެނީ ދުނިޔޭގެ އެންމެ ފިނި ސަރަހައްދު ކަމުގައި ވި ނަމަވެސް، އެހެން ދޫނިތަކާއި ތަފާތު އާދައެއް ޕެންގުއިންގެ ކިބައިން ފާހަގަވެފައިވެ އެވެ. އެއީ މަންމަ ޕެންގުއިން ބިސްއެޅުމަށް ފަހު ކާއެއްޗެއް ހޯދުމަށް ދިއުމުން ބައްޕަ ޕެންގުއިން ދެމަސް ދުވަސް ވަންދެން އޭތީގެ ބިސް ފީކުރުމަށް އެހީވެދޭ ކަމެވެ. އެ މަސައްކަތުގައި ކެއިން ބުއިމުން ވެސް އޭތި މަނާވެގަނެ އެވެ. އަންހެން ޕެންގުއިން އައުމުގެ ކުރިން ބިސްފީވެ ޅަ ޕެންގުއިންއެއް އުފަންވެއްޖެ ނަމަ، ބައްޕަ ޕެންގުއިންގެ އަނގައިން އުފެދޭ ކިރުފަދަ ދިޔާ އެއްޗެއް އޭތީގެ ދަރިއަށް ބޯންދެ އެވެ. މިދިޔާ އެއްޗަކީ ޕްރޮޓީންސް (ހަށިގަނޑު ބޮޑުކޮށްދޭ ކާނާ) ގިނަ އަދަދަކަށް ހިމެނޭ އަދި ފުރަތަމަ ކާނާއެއްގެ ގޮތުގައި ދިނުމަށް ފުދޭ ކާނާއެކެވެ. މަންމަ ޕެންގުއިން ކާތަކެތި ހިފައިގެން އަންނަން ދެން އޭތީގެ ދަރި ދިރިހުރުމަށް ބައްޕަ ޕެންގުއިންގެ އަނގައިން އުފައްދާ ކިރު ފުދެ އެވެ.

ޕެންގުއިން ދޫނި: ފިރިހެން ޕެންގުއިން ދިގު މުއްދަތަކަށް ނުކައި ހުރެ ބިސްފީކުރުމަށް އެހީވެ، ޅަޕެންގުއިންއަށް ފުރަތަމަ ކިރު ދޭކަންވަނީ ފާހަގަކުރެވިފައި

"ކޮލަސްޓްރަމް" އަކީ ވިހެއުމަށްފަހު ދަރިފުޅު އުފަންވުމުން ދިނުމަށް އުފެދޭ ކިރަށް ކިޔާ ނަމެކެވެ. އެކިރު ހުންނަނީ މަޑު ރީނދޫ ކޮލައެއްގަ އެވެ. ކޮލަސްޓްރަމްއަކީ ތުއްތު ދަރިފުޅުގެ ޅަ ގުނަވަންތަކަށާއި ދިފާއީ ނިޒާމަށް އެންމެ މުހިންމު ކިރެވެ. އޭގައި ހަށިގަނޑަށް ފައިދާހުރި މުހިންމު ގިނަ މާއްދާތައް ހިމެނެ އެވެ.