ކަމެއް ފަށައިގަންނައިރު މީހުންގެ ފަރާތުން ހިތްވަރު އެލޭފަދަ ބަސްތަކާއި މަލާމަތް ރައްދުވުމަކީ އާންމު ކަމެކެވެ. ކާމިޔާބުގެ މަގަށް ވާސިލުވާން ބޭނުންވާ މީހާއަށް އޮތް އެންމެ ބުއްދިވެރި ގޮތަކީ މީހުންގެ ފަރާތުން އަންނަ އެފަދަ ބަސްތަކަށް ބީރު ކަންފަތެއް ދިނުމެވެ. އަދި ކާމިޔާބު މީހަކަށް ވުމަށް ކުޑަހިތްވަރެއް ލުމެވެ.
ހދ. ނެއްލައިދޫއަށް އުފަން އެރަށު އަތަމާގޭ އިބްރާހިމް ޝިހާބު (ސިއްބެ) ކުރެހުމުގެ ދާއިރާއަށް ނުކުންނަށް ކުރި މަސައްކަތުގައި ބައެއް މީހުންގެ ފަރާތުން ރައްދުވި ހިތްވަރު އެލޭ ބަސްތަކަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އެއަށް ވުރެ އަމިއްލަ ނަފްސަށް އޭނާ ކުރާ ހިތުބާރު ބޮޑެވެ. ކުރެހުމަށް ހުރި ލޯބީގައި ކުރިއަށް ދިޔައީ ފަހަތަށް ބެލުމެއްނެތި އެވެ. މިއަދު އޭނާ ފޯރާފައިވާ ހިސާބަށް އާދެވުނު ގޮތް ކިޔުންތެރިންނާ ހިއްސާކޮށްލީ މަސައްކަތެއްގައި ކުރިއަށް ދިއުމަށް ބޭނުންވާ މީހުންނަށް ހިތްވަރުދިނުމުގެ މަގުސަދުގަ އެވެ.
ކުރެހުމުގެ އާއިލާއަކުން އުފަން ނުވި ނަމަވެސް އޭނާއަށް "އާޓިސްޓިކް" ހުނަރު ލިބިފައިވާކަން ސްކޫލް ދައުރުގައި އިހުސާސްވި އެވެ. އޭރު ކުރަހަން ހަވާލު ކުރާ އެއްޗެއް މާބޮޑު އުނދަގުލެއްނެތި ހަމަ އެދެއްކި ފެންވަރަށް ކުރަހާލެވޭތީ ޓީޗަރުންގެ ފަރާތުން ހިތްވަރުގެ ބަސްތައް ލިބެ އެވެ. ވީމާ ކުރެހުމަކީ އޭނާ ކުރާހިތްވާ ކަމަކަށްވެ، ލިބޭ ހުސް ވަގުތުތަކުގައި ކުރަހަން ފެށި އެވެ.
"އަޅުގަނޑުގެ ކިބައިގައި ކުރެހުމުގެ ހުނަރު ހުރިކަން ސްކޫލް ދައުރުގައި ފާހަގަވި. ނަމަވެސް އެކަން ކުރިއެރުވޭނެ ގޮތެއް އޭރު ނެތީމަ އެކަމާ އެހާ ބޮޑަށް ނޫޅެން. ސްކޫލް ނިމުނުފަހު އެއްދުވަހަކު މީހަކު އައިސް އަޅުގަނޑަށް ދެއްކީ އެހެން މީހަކު ކުރަހައިފައިވާ ވަރަށް ހިތްގައިމު ކުރެހުންތަކެއް. ދައްކާފައި ބުނީ ކިހާރީތި ހެއްޔޭ އެ ކުރެހުންތައް. އަޅުގަނޑަށް ވެސް އެ ކުރެހުންތައް ވަރަށް ކަމުދިޔަ. އޭގެ ފަހުން އަޅުގަނޑު ވަރަށް ގިނައިން މީހުން ހިމެނޭ ކުރެހުންތައް ކުރަހަން ފެށިން،" ސިއްބެ ބުންޏެވެ.
ކުރެހުމުގެ ދާއިރާއަށް ނުކުތީ ގަދަހިތްވަރާއެކު
ރީތިކޮށް ކުރަހާ މީހެއް ކަމުގައި ވިއަސް އެ ދާއިރާއަށް ނުކުތުމަކީ ފަސޭހަކަމަށް ނުވި އެވެ. އޭނާގެ ކުރެހުންތައް އެކި މީހުންނަށް ދައްކައި ހެދުމުން، ބައެއް މީހުން އޭނާ ހިތްދަތިވާ ފަދަ ބަސްތައް ރައްދުކުރި އެވެ. ނަމަވެސް ހިތްވަރު އެލުވާނުލައި ކުރެހުމުގެ ތެރެއަށް ވަނުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ 2018 ގައި ހައިޑްއަވޭ ރިސޯޓުގެ ފިހާރައެއްގައި ކުރެހުމުގެ ވަޒީފާއެއް ހަމަޖެހިގެން ދިޔުމެވެ.
އޭގެ ދެއަހަރު ފަހުން އެ ފިހާރު އުވާލުމުން، ކުރެހުމާ ދުރުގައި ހުރެފައި އަނެއްކާ ވެސް އެ މަސައްކަތަށް ދިޔައީ 2022 ވަނަ އަހަރު އެވެ. އެފަހަރު ވަޒީފާ އަދާކުރީ ފިލިތެޔޮ ރިސޯޓްގައި "ފިލި އާޓްސް" ކިޔާ ފިހާރައެއްގައި އެވެ. ރިސޯޓްތަކުގައި ގިނަ ތަޖުރިބާތަކެއް ލިބުމަށްފަހު މިހާރު އޭނާއަކީ ގޭގައި ހުރެގެން ލިބޭ އޯޑަރުތަކަށް ގަވައިދުން ކުރަހާ މީހެކެވެ. މިއަދު އޭނާގެ ކުރެހުންތަކަށް ތަޢުރީފު ކުރާ މީހުން ގިނަ އެވެ. ހިތްވަރުދޭ މީހުން ބައިވަރެވެ. ލިބޭ މަސައްކަތް ވެސް ގިނަ އެވެ. ނަމަވެސް މޮޅު މީހެކޭ ބުނާކަން އޭނާ ބޭނުމެއް ނުވެ އެވެ.
"ސިއްބެ އާރްޓް" ގެ ނަމުގައި އޭނާ އާންމުކޮށް ކުރަހައި އުޅެނީ ރިސޯޓްތަކަށް ބޭނުންވާ ކަހަލަ ކުރެހުންތަކެވެ. ގުދުރަތީ މަންޒަރުތަކެވެ. ޚާއްސަކޮށް ޓޫރިސްޓުންނަށް ރީތިވާނެ ކަހަލަ މަންޒަރުތައް ކުރެހުމަށް އޭނަ އިސްކަން ދެ އެވެ. ސިއްބެ ބުނިގޮތުގައި ކުރެހުމެއް ރީތިވާނީ އެއަށް ވަގުތު ދިންވަރަކުންނެވެ. އެކްރީލިކް ކުލަ ބޭނުންކޮށްގެން ކެންވަސްގައި ދާއްކާލާ ސިއްބެގެ ކުރެހުން ހިތްގައިމުވަނީ އެއަށް ވަގުތުދީގެން ވަރަށް ފަރުވާތެރި ކަމާއެކު ކުރަހާފައި ވާތީކަން ފާހަގަވި އެވެ.
"ސްވެނިއާ (ހަދިޔާ) އަކަށް ގެސްޓުން ގެންދަން ބޭނުންވާ އެއްޗެހި ވަރަށް ކުރަހަންޖެހޭ. އެންމެ ގިނައިން ކުރަހަނީ ބީޗް (ގޮނޑުދޮށް). ދިވެހިރާއްޖޭގެ ގޮންޑުދޮށުގެ މަންޒަރަކީ އަހަރުމެންގެ ހިތުގައި އޮންނަ އެއްޗެއް. އެހެންވީމަ އެއްވެސް އެއްޗެއް ނުބަލައި ގޮނޑުދޮށް ކުރަހާލާކަށް އުނދަގުލެއް ނޫން. ނަމަވެސް ދޯންޏެއް، ތަފާތު ރުކެއް ނުވަތަ ގަހެއް އެގޮނޑުދޮށުގައި ކުރަހަން ޖެހޭނަމަ އެފަދަ ހާލަތެއްގައި އެ އިންނަ ގޮތް ބަލަން،" މުސްތަގުބަލުގައި އަމިއްލަ އާޓް ގެލެރީއެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ސިއްބެ ބުންޏެވެ.
ކުރެހުމަކީ އޭނާގެ ހިތްހަމަޖެހުމާ ގުޅިފައިވާ ފަންނެކެވެ. އެ ފަންނު ދިރުވުމަށް ކުރާ މަސައްކަތުގައި ފަހަތަށް ޖެހުމެއް ނެތެވެ. އެއަށް ވުރެ ބޮޑަށް އެ މަސައްކަތަށް އޮތް ލޯބި އަދި އަމިއްލަ ނަފްސަށްކުރާ އިތުބާރު ބޮޑެވެ. އޭނާގެ މަސައްކަތުގައި އާއިލާއާއި އަދި ގާތް ރައްޓެހިންގެ އިރުޝާދާއި އެއްބާރުލުން ލިބޭކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރެ އެވެ.
ވަރަށް ރީތި
ރިޕްލައި