އިންސާފު ހޯދުމަށް އަޑުއުފުލައި ދިވެހި ޒުވާނުން މަގު މައްޗަށް ނުކުތީ އޭޕްރިލް 18 ވަނަ ދުވަހުގެ ރޭ ގޮތް ނޭނގޭ ގޮތަކަށް ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އުމުރުން 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުން ބެލިގޮތާމެދު ހިތްހަމަނުޖެހިގެންނެވެ. އެ ހިތްހަމަނުޖެހުން ގައުމުގެ ގިނަ ރައްޔިތުންގެ ހިތްތަކުގައިވެ އެވެ. ގައުމުގައި އަދުލު އިންސާފު ގާއިމުކުރުމާ ބެހޭ އިދާރާތަކުގެ ހާލަތާމެދު ގިނަ ބަޔަކަށް އިތުބާރެއް ނުކުރެވެ އެވެ. ރައްޔިތުންގެ ޝުއޫރު ހުރިގޮތުން އެކަން ސާފެވެ.
ރައްޔިތުންގެ ތެރެއިން ޒުވާނުންތަކެއް އިސްނަގައިގެން މަގު މައްޗަށް ނިކުތުމާ ގުޅިގެން ދެން ފެނުނީ ސަރުކާރަށް ސަނާ ކިޔާ ފަރާތްތަކުން ސޯޝަލް މީޑިއާއަށް ނިކުތް މަންޒަރެވެ. ޒުވާނުންގެ ހަރަކާތާ ދެކޮޅު ހެދުމުގެ ޝުއޫރުތައް ފެތުރުމަކީ އެ މީހުންގެ ބޭނުންކަމުގައި ފެނެ އެވެ. އެ ހަރަކާތް ފެށީ ރައީސް މުހައްމަދު މުއިއްޒު އިފުތިތާހުކޮށް ދެއްވައިގެން ކަމަށް ބަލާނެ ޖާގަ ލިބެ އެވެ. ޒުވާނުންގެ އިހުތިޖާޖާ ގުޅިގެން ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މައްސަލާގައި ޒިންމާވާން ޖެހޭނީ "ބިރަކާ ނުލާ މަޖާ ކުރެވެންވާނެ ކަމަށް ވަކާލާތު ކުރި މީހުން" ކަމަށެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރެއްވީ 2013 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ އިންތިޚާބު ކެމްޕޭނެއްގައި އިއުލާންކުރި ޒުވާނުންނާ ގުޅޭ ތަސައްވުރުގެ ވާހަކަ އަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުންނަމަ މައްސަލައިގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީއިންނެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުން ހިތްވަރު ލިބިގެން ސަރުކާރަށް ސަނާ ކިޔާ ގްރޫޕުތަކުން ސޯޝަލް މީޑިއައަށް ނިކުތް މީހުންގެ ވާހަކަތައް ހުރީ މައިގަނޑު ގޮތެއްގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު އިތުރަށް ފުޅާކުރުމުގެ ރޫހުގަ އެވެ. އެ މީހުން ބުނެ އެވެ.
- ރާ ބޮއި، ޑްރަގު ނަގައި، މަސްތުވެގެން، ޕާޓީ ބާއްވާ މީހުނަށް އިންސާފު ހޯދައިދޭން ޖެހޭހެއްޔެވެ.
- ދަންވަރު ގެއިން ބޭރުގައި އުޅޭ ކުދިންނަށް ދިމާވާ ކަންތައްތަކުގެ ޒިންމާ ބެލެނި ވެރިން، ނުވަތަ މައިން ބަފައިން ނުއުފުލަންވީ ކީއްވެ ހެއްޔެވެ.
އެ ވާހަކަތަކުގެ މައިގަނޑު ފޯކަސް އޮތީ ޖެހިގެން އުޅޭ މައްސަލައަކީ ބަޔަކު ފާހިޝް އަމަލުތަކެއް ޕްރޮމޯޓުކުރަން އުޅޭކަމުގެ އިލްޒާމު އިހުތިޖާޖު ކުރާ މީހުންގެ ބޮލުގައި އެޅުވުމެވެ. ސަރުކާރުން ކުރާ ކަންތަކެއް ހިމާޔަތްކޮށް ސަރުކާރަށް ތާއީދުކުރުމަށް މަތިކޮށްފައިވާ ކުދިން ސޯޝަލް މީޑިއާގައި ދައްކަން ފެށި ވާހަކައާ ގުޅިގެން ދެން ފެނުނީ ދީނީ އިލްމުވެރިންގެ ގޮތުގައި ޝޭޚުންގެ ނަމުގައި ހަރަކާތްތެރިވާ މީހުން ވެސް އެ މައިދާނަށް ނިކުތް ތަނެވެ. އެ މީހުންގެ ވާހަކަ ވެސް ހުރީ ދާދި އެއްގޮތަކަށެވެ. އެހެން ނަމަވެސް އެ ވާހަކައިގައި ދީނީ ރަހަ ލައްވައިފައި އޮތެވެ. އެމީހުން ބުންޏެވެ. ދީނުގައި ހަރާމް ކަންތައް ކޮށް އުޅޭ މީހުންގެ ހައްގު ހޯދަން އުޅުމަކީ ފަސާދަ ކުރުމެވެ. ހުރިހާ ވާހަކައެއް ވެސް ގޮސް ނިމެނީ ފުރާޅު މައްޗަށް "ވެއްޓުނު" އަންހެން ކުއްޖާ އަށް އިންސާފު ހޯދައިދޭން ގޮވާލާ ކުރާ މުޒާހަރާ އާ އެވެ. އެ މުޒާހަރާތަކާ ދެކޮޅަށް ވާހަކަ ދެއްކުމަށް ދީނީ މީސްމީހުނާއި ރައީސްގެ ސަޕޯޓަރުން ހިތްވަރު ލިބިގަންނަނީ ރައީސް މުއިއްޒުގެ ވާހަކަފުޅުންނެވެ.
ވިސްނާލަން ޖެހޭކަމަކީ މަގުމައްޗަށް ބަޔަކު ނުކުތީ ހިނގި ހާދިސާ ތަހުގީގުކުރުމުގައި ފުލުހުން އިހުމާލުވުމުން ކަމެވެ. ކަން ހިނގައިދިޔަ ގޮތަށް ރަނގަޅަށް ބަލާއިރު އެކަން ޔަގީންވެ އެވެ. އެ މީހުން ގޮވަނީ އިންސާފަށެވެ. ވަކި މީހަކު ކުށްވެރިކޮށް ވަކި މީހަކު ސަލާމަތްކުރާކަށެއް ނޫނެވެ. އެ މީހުން ގޮވަނީ ވަކި ބަޔަކު އިސްތިއުފާދޭށެވެ. އެ މީސްމީހުންގެ ސަބަބުން ތަހުގީގަށް ހުރަސް އެޅޭ ތަން ފެންނާތީ އެވެ. ކަން ހިނގާފައި އޮތް ގޮތުން އެގޮތަށް ވިސްނުމަށް ފުރުސަތު އެބައޮތެވެ.
އިންސާފު ހޯދުމަށް އުފުލާއަޑުތަކާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ވިސްނަން ޖެހޭކަމަކީ ވެއްޓިގެން އުޅެނީ 21 އަހަރުގެ އަންހެން ކުއްޖެއް ކަމެވެ. އެ ކުއްޖާ ވެއްޓުނު ގޮތެއް ޔަގީންނުވާ ކަމެވެ. އެ ކުއްޖާ ވެއްޓުމުގެ ކުރިން ހިނގި އެތައް ހާދިސާއަކާ ވެއްޓުނު ވެއްޓުމާ ގުޅުން ހުރިކަމެވެ. އެ ހާދިސާގެ ވަށައިގެން އުޅުނު ހުރިހާ ޒުވާނުން ވެސް މަސްތުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމެވެ. އަންހެން ކުއްޖާ އެ ހާލަތަށް ދިޔައީ ކިހިނެއްކަން ނޭނގޭ ކަމެވެ. އެ ކުއްޖާއަށް ކުރިމަތިވީ ކޮންފަދަ ހާލަތެއްކަން ވެސް ދަނެ ނުގަނެވޭ ކަމެވެ.
ސުވާލު އުފެދެނީ ފުލުހުން އެ މައްސަލައިގެ ބައެއް ކަންކަން ފޮރުވާލަން މަސައްކަތް ކޮށްފައިވާކަން ހާމަވުމުންނެވެ. އެކަން ގުޅެނީ ސަރުކާރުގެ ނުފޫޒުގަދަ މީސްމީހުނާއި އެ މީސްމީހުންގެ އާއިލާތަކާ އެވެ. އެހެންކަމުން މައްސަލައިގެ އެންމެ އެތެރެއަށް ފީނުމަށް ފުލުހުންނަށް އުނދަގޫވެގެން އުޅޭކަމުގެ ޝައްކަކީ ހީއަކަށް ވުރެ ޔަގީންކަމެކެވެ.
ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު ގައުމުގައި ފަސާދައާއި އަނިޔާވެރި ކަމަށް ހިތްވަރު ލިބޭނެ ކަމަށް ފެންނަނީ މައްސަލަ ތަހުގީގު ނުކޮށް އޮއްބާލުމުންނެވެ. އެއީ ރައީސާއި އެމަނިކުފާނު ވިދާޅުވާ ކޮންމެ އެއްޗެއް ޕްރޮމޯޓުކުރަން މަސައްކަތް ކުރާ ގުރޫޕް ގޮވާލާ ގޮތެވެ. އެ ގްރޫޕަށް ދީނީ އިލްމުވެރިންގެ ބައެއް ވެސް ވަނީ ވަދެފަ އެވެ. ގައުމަށް ހަމަޖެހުމާއި ސަލާމަތްކަން އޮތީ ވަކި މީހަކު ފަރަގުކުރުމެއް ނެތި އިންސާފު ގާއިމުކޮށް ދެވިގެންނެވެ. އިހުތިޖާޖް ކުރާ ޒުވާނުން ގޮވާލަނީ އެކަމަށެވެ.